އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ ހުރިހާ ކަމެއް ވެރިކަމުގެ ހަ މަސް ދުވަހުން ނިންމައި ރައީސް އޮފީހަށް އެކަން ކުރަން ފޮނުވީމައި ނުކޮށް ލަސްކުރީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ވަޒީރަކަަށް އޭނާ ނުވުމުން ކަމަށް ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމީލު ވިދާޅުވެއްޖެ އެވެ.

މަލީހުއަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމަށް އައިސްފައިވާ ފަރާތެކެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މަލީހު މިނިސްޓަރުކަމުން ވަކިކުރީ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ބުނެ ހުށަހަޅައި އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހު އެވެ.

މިނިސްޓަރުކަމުގައި މަލީހު ހުންނެވިއިރު ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށްވާ އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކާއެކު އެއްބަސްވުމަކަށް އައެވެ. އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށްފަހު ރައީސް އޮފީހަށް ފޮނުވުމުން އިންޓަނެޓުގެ އަގުހެޔޮ ކުރުން ވަނީ ފަސްކޮށްފަ އެވެ.

އެއާއެކު އިންޓަނެޓުުގެ އަގުހެޔޮ ނުވާކަމަށް ބުނެ ގިނަ ބަޔަކު ދިޔައީ މަލީހަށް ފާޑު ވިދާޅުވަމުންނެވެ. ރައްޔިތުންނަށް ހަގީގަތް އޮޅިފައިވާ ވަގުތެއްގެ ނާޖާއިޒު ބޭނުން ހިފައި ރައްޔިތުންގެ މަޖިލީހުން ވަނީ މަލީހު މަގާމުން ވަކިކުރައްވައިފަ އެވެ.

އެއަށްފަހު މަލީހު ގެންދަވަނީ ސަރުކާރުގެ ސްޓެރެޖެޓިކް އެކްޝަން ޕްލޭންގެ ކަންތައް "ފިލާވަޅު" ސްލޮގަންގެ ދަށުން ޓުވީޓޫ ކުރަމުންނެވެ. ސްޓެރެޖެޓިކް އެކްޝަން ޕްލޭންގައި ވާގޮތުން ސަރުކާރުން އިންޓަނެޓުގެ އަގުހެޔޮކުރަން ނިންމާފައިވަނީ 2022 ވަނަ އަހަރު އެވެ. އެހެންކަމުން މަލީހު މަގާމުން ވަކިކުރީ އެހެން ބޭނުމެއްގައިކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިއްޔެ ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ދެެއްކެވި ވާހަކަތަކެއް ވައިގައި ހިފާލާފައިވަނިކޮށް މިއަދު މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ ހުރިހާ ކަމެއް ވެރިކަމުގެ ހަ މަސް ދުވަހުން ނިންމައި ރައީސް އޮފީހަށް އެކަން ކުރަން ފޮނުވީމައި ނުކޮށް ލަސްކުރީ އެމްޑީޕީ ވަޒީރަކަށް ނުވުމުންތޯ ސުވާލު އުފައްދައިފަ އެވެ. އަދި ވިދާޅުވީ މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުން ތިބީ އިންޓަނެޓުގެ އަގުހެޔޮ ކުރަން ތައްޔާރަން ކަމަށެވެ.

އެ ޓުވީޓުގައި ވާގޮތުން އިންޓަނެޓުގެ އަގުހޮޔޮ ކުރުމުގެ ކަންތައް ނިންމައި އެކަން ކުރާނެ ގޮތުގެ މައުލޫމާތު ރައީސް އޮފީހަށް ފޮނުވީ 2019 ވަނަ އަހަރުގެ ޖޫން މަހު 19 ވަނަ ދުވަހު އެވެ.