ލޯކަލް ޓޫރިޒަމްއަށް މަޝްހޫރު ވ. ފުލިދޫގެ ހިތްގައިމު ގޮނޑުދޮށަށް ކަޅޮތެޔޮ ލައްގައި، ހިތްގައިމު ރަށުގެ މުޅި ގޮނޑޮދޮށް 'ކަޅުވެއްޖެ'އެވެ.
ގުދުރަތީގޮތުން ރީތި އެ ރަށުގައި މި ވަގުތު ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އެބަތިއްބެވެ. މިކަމުގެ ސަބަބުން ފަތުރުވެރިން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.
ފުލިދޫން ވާހަކަދެއްކި މީހަކު ބުނީ ގަޅުތެޔޮ ލައްގާފައި ވަނިކޮށް ފެނުނީ މިއަދު ހެނދުނު ކަމަށެވެ. އެކަމުގެ ސަބަބުން މުޅި ރަށުގެ ހިތްގައިމު ގޮނޑުދޮށުގެ ރީތިކަން މުޅިން ގެއްލިފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.
"އެއްވެސް ޓޫރިސްޓަކަށް ވެސް މޫދަށް އެރެވޭކަށް ނެތް. މިއީ މި ރަށުގެ ފަތުރުވެރިކަމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް،" އެ ރަށުން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.
އެ ތެޔޮތައް ނަގައި ކުރީގެ ހާލަތަށް މޫދު ރުޖޫއަކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ލޯކަލް ޓޫރިޒަމް ފައްކާވަމުން އަންނަ ފުލިދޫގެ އާބާދީއަކީ 400 އެވެ.