މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމު ކޮށްގެން ބާއްވާ، ގައުމީ ފެންވަރުގެ ކުއިޒް މުބާރާތެއް ކަމުގައިވާ އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވެގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެމްއޭއިން މިއަދު ބުނީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލާފައިވާ މި މުބާރާތަކީ މާލީ ހޭލުންތެރިކަމާއި އަދި ވަކިން ހާއްސަކޮށް އިސްލާމީ ފައިނޭންސަށް ދިވެހިން ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުމުގައި ބާއްވާ ކުއިޒް މުބާރާތެއް ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފަހު ދުވަހަކީ މި މަހުގެ ނިޔަލަށެވެ.
ލީގު އުސޫލުން ކުރިއަށް ގެންދާ މި މުބާރާތުގައި ހަ އޮންލައިން ބުރު ހިމެނޭނެ އެވެ. މި ބުރުތަކުގައި ތިނަކާއި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމުތަކަށް ލީޑާބޯޑެއްގައި ޕޮއިންޓް އެއްކުރާނެ އެވެ. އެންމެ މަތިން ޕޮއިންޓް ލިބޭ ފަސް ޓީމު ދެން ކުރިމަތިލާނީ ލައިވްކޮށް މީހުން ހާޒިރުވެގެން ބޭއްވޭ ފައިނަލް ބުރަށެވެ.
މުބާރާތުގެ ސުވާލުތައް އަމާޒު ކޮށްފައި ހުންނާނީ ބަޖެޓު ހެދުން، ޑިޖިޓަލް ހައްލުތައް ރައްކާތެރިކަމާ އެކު ބޭނުންކުރުން، ދަރަންޏާއި ކްރެޑިޓް އަދި އިސްލާމީ ފައިނޭންސްގެ އުސޫލުތައް ފަދަ ދާއިރާތަކަށެވެ.
މި ކުއިޒް މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރ. ދެވަނަ ޓީމަށް 7،000ރ. އަދި ތިންވަނަ އަށް އަންނަ ޓީމަށް 5،000ރ. ގެ ފައިސާގެ އިނާމު އެމްއެމްއޭއިން ވަނީ ކަނޑައަޅައިފަ އެވެ.
އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅޭއިރު، އެޕްލިކޭޝަން ފޯމާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ދިމާވާ ޓީމުތަކަށް [email protected] މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް މަރުކަޒީ ބޭންކުން ވަނީ އެދިފަ އެވެ.