ސަރުކާރުގެ ތަރުޖަމާނު، އަދި ކުރިން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދާއި ދިޔަރެސް މީޑިއާ އަތުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅި މައްސަލައިގައި ހީނާ ވަލީދަށް 15،000 ރުފިޔާ ދައްކަން ސަލީމްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ހީނާއާއި ދިޔަރެސް އަތުން 10 މިލިއަން ރުފިޔާ ހޯދަން ސަލީމް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، 2022 ވަނަ އަހަރެވެ.
އެ އަހަރުގެ އޮގަސްޓް މަހު ސިވިލް ކޯޓުގައި ރަޖިސްޓްރީކުރި މި މައްސަލައަކީ، ސަލީމް އެއް ޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ބުނެ، "ދިޔަރެސް" ނޫހުގައި ލިޔެފައިވާ ލިޔުމަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. އެ ކަމާ ގުޅިގެން އެ ނޫހުގެ މަސްއޫލުވެރި ފަރާތުގެ ހައިސިއްޔަތުން ދިޔަރެސް މީޑިޔާގެ މައްޗަށް، އަދި އެ ނޫހުގެ އެޑިޓަރުގެ ހައިސިއްޔަތުން ސ. ހިތަދޫ، ސަންސެޓްވިލާ ހީނާ ވަލީދުގެ މައްޗަށް ގެއްލުމުގެ ބަދަލު ހޯދަން ސަލީމް ވަނީ ހުށަހަޅާފަ އެވެ.
މީގެ ތިން އަހަރު ކުރިން ސަލީމް ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ ދިޔަރެސް ނުހޫގައި ލިޔެފައިވާ ލިޔުމެއްގައި ލިޔެފައިވާ ލިޔުންތަކަކީ، ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށާއި، އެކަން އެ ނޫހުން ކުރީ އޭނާގެ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށެވެ.
އަދި، ދިޔަރެސް ނޫހުގައި އެ ދުވަހު ލިޔެފައިވާ ލިޔުމުގެ ސަބަބުން އޭނާއަށް ގެއްލުންތަކެއްވެފައިވުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރާ ކަމަށް ސަލީމް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފަ އެވެ.
މި މައްސަލަ ސަލީމްގެ ފަރާތުން މިހާރު އުވާލެވިފައިވާ މީޑިއާ ކައުންސިލަށް ހުށަހެޅިކަން ފާހަގަކޮށް، ހީނާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ މީޑިއާ ކައުންސިލްގައި އެ ޝަކުވާ އުފުލާފައިވަނީ ޝަރީއަތުން އެ މައްސަލަ ކާމިޔާބު ނުވާނެތީ ކަމަށެވެ. އަދި، މީޑިއާ ކައުންސިލަށް ހުށަހެޅި ޝަކުވާގައި މި ދައުވާ ކުރިއަށް ނުގެންގޮސް ދޫކޮށްލުމަށް އިގުރާރުވެފައިވާ ކަމަށް ދިފާއުން ފާހަގަކުރިކަން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ސިވިލް ކޯޓުން އާދިއްތަ ދުވަހު ކުރި ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
މި މައްސަލައިގެ ދިފާއުގައި ހީނާ ވަނީ ސަލީމްގެ ފަރާތުން ޝަރީއަތުގެ ހަރަދު ނަގައިދިނުމަށް އެދިފަ އެވެ. މައްސަލަ ނިންމިއިރު، ކޯޓުން ވަނީ އެ ކަމަށް ރިއާޔަތްކޮށް، ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ސަލީމްގެ މައްޗަށް ހުކުމްކޮށްފަ އެވެ.
އެހެންވެ، އެ މައްސަލައިގައި ސިވިލް ކޯޓުން އާދިއްތަ ދުވަހު ހުކުމްކުރީ ސަލީމްގެ ފަރާތުން ހީނާއަށް 15،000 ރުފިޔާ ދެއްކުމަށެވެ. އަދި، މި މައްސަލައިގައި ސަލީމްގެ ފަރާތުން އެދުނު ފަރުވާތައް ނަގައިދެވެން ނެތް ކަމަށް އެ ހުކުމްގައި ވަނީ ކަނޑައަޅާފަ އެވެ.