މަސް ގަންނަ އަގު 20ރ. އަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެ، ރިޔާސީ ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ވައުދު ފުއްދުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބައެއް ރަށްރަށަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު މ. ދިއްގަރަށް ވަަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ ބައެއް ވައުދުތަކަކީ ވެރިކަމުގެ ފުރަތަމަ ދުވަހު ފުއްދޭ ވައުދުތަކެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ހަމަ ނަމެއްގައި މާދަމާއިން ފެށިގެން މަސް ގަންނަ އަގު 20ރ. އޭ ބުނީމާ ކަމަކު ނުދާނޭ ކަމަށާއި އެކަން ހާސިލުކުރުމަށްޓަކައި ވަރަށް ބައިވަރު މަސައްކަތްތަކެއް އިންޑަސްޓްރީ ތެރެއިން މިނިސްޓްރީ އާއި އަދި މިފްކޯ އާއި ކަމާގުޅޭ ހުރިހާ ފަރާތްތަކާ އެކީގައި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
"އެހެންވީމާ އެއީ ވެސް އަޅުގަނޑުމެން ހަމަ ހާސިލްކުރާނެ ކަމެއް އިރާދަކުރެއްވިއްޔާ، އެކަމަށްޓަކައި ވަރަށް ބައިވަރު މަސައްކަތް ކުރަމުންދާ ކަމެއް، އެހެންވީމާ ކުއްލިއަކަށް ފުރަތަމަ ދުވަހު ފަށައިގަނެވޭ ގޮތަށް ހުންނަ ކަންކަމެއް ނޫން ބައެއް ކަންކަމަކީ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކަންކަމުގެ ތަފުސީލަށް ދިޔައީމާ އެކަން އޮންނަ ގޮތް ވަރަށް ބޮޑަށް ސާފުވެގެންދާ ކަމަށެވެ. އެހެންކަމުން ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކަންކަން ނުދިޔުމަކީ ވައުދު ނުފުއްދުން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ މިސާލު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޭން ވެވަޑައިގެންނެވި ވައުދު ވެސް ފުއްދަން އަހަރު ދުވަސް ނެގި ކަމަށެވެ. އެހެންކަމުން މަސް ގަންނަން ލިބޭ އަގު 20ރ. އަށްވުރެ ދަށް ނުކުރުމުގެ ވައުދު ވެސް ފުއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ހަމައެގޮތަށް މި 20ރ. ގެ ކަންތައް ވެސް ހަމަ އިރާދަކުރެއްވިއްޔާ މިދަނީ ތަރުތީބު ކުރަމުން، އިރާދަކުރެއްވިއްޔާ އެކަން ވެސް ހަމަޖެހިގެންދާނެ، ހަމަޖައްސަން މި މަސައްކަތް ކުރަނީ މެދު ނުކެނޑި ދެން ދާނެ ގޮތަކަށް،" މުއިއްޒު ވިދާޅުވި އެވެ.
މަސް ގަންނަ އަގު 20ރ. އަށްވުރެ ކުޑަ ނުކުރުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަހުގެ އަގު އުޅެނީ 25 ރުފިޔާގަ އެވެ. އެކަމަކު، ޖޫން، 2024، ގައި ރައީސް ސަރުކާރުން ވަނީ މަހުގެ އަގުން 36 ޕަސެންޓު ކަނޑާލައިފަ އެވެ. މިހާރު އެންމެ ބޮޑުކޮށް ވެސް މިފްކޯއަށް ކަޅުބިލަމަސް ގަންނަނީ 16 ރުފިޔާ އަށެވެ.