ޑޮލަރުގެ އަގު މައްޗަށް ނުދާނޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ތަކުރާކުކޮށް ވަނީ ވިދާޅުވެފަ އެވެ. އަދި ޑޮލަރުގެ އަގު އުފުލި ރައްޔިތުންގެ ކަންބޮޑުވުންތައް ބަންޑުން ވުމާ ގުޅިގެން ޑޮލަރުގެ އަގު ދަށްވާން ފަށާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު މީގެ އަހަރެއް ކުރިން ވިދާޅުވި އެވެ.

ކަން މިހެން ހުރި ނަމަވެސް އަދިވެސް ޑޮލަރުގެ އަގު އުޅެނީ 20 އިން މަތީގަ އެވެ. ބައެއް ފަހަރު ޑޮލަރުގެ އަގު 21 ރުފިޔާއަށް އެބަ އަރަ އެވެ.

ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ އަގު ދަށްވާން ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ، މާޗު 6، 2024 ގައެވެ. އޭރު ޑޮލަރުގެ އަގު ހުރީ 18 ރުފިޔާގަ އެވެ. އެކަމަކު، ކަޅު ބާޒާރުގައި މިހާރު ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއިން މަތީގަ އެވެ. އެ އަގުގައި ޑޮލަރުގެ އަގު ހިފެހެއްޓިފައި ހުންނަތާ ތިން މަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އެންމެ ފުޅާ ދާއިރާއެއްގައި ޑޮލަރު ވިއްކާ ގްރޫޕުތަކާއި މީހުންގެ ފަރާތުން އެނގޭ ގޮތުގައި ޑޮލަރެއްގެ އަގު އަދިވެސް ހުރީ 20 އާއި 21 ރުފިޔާ އާ ދެމެދުގަ އެވެ. އެގޮތުން، އެންމެ އާންމުކޮށް މިހާރު ޑޮލަރެއް ލިބެން ހުރީ 20.10 ރުފިޔާއަށެވެެ. އަދި، ބައެއް މީހުން 20.15 އާއި 20.20 އަށް އަދި އަނެއް ބަޔަކު 21 އަށް ވެސް އަންނަނީ ޑޮލަރު ވިއްކަމުންނެވެ. އެހެންވެ، ޑޮލަރެއްގެ އަގު އަދިވެސް ހުރީ 20 ރުފިޔާއިން މަތީގަ އެވެ.

ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ގަވާއިދެއް ހަދާފަ އެވެ.

އެ ގަވާއިދާ އެކު ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު، އެ ގަވާއިދުގެ ދަށުން އެތައް މިލިއަން ރުފިޔާއެއް މާރުކުރި ނަމަވެސް ޑޮލަރުގެ އަގަށް ބަދަލެއް ނާދެ އެވެ. އެގޮތުން، އެމްއެމްއޭއިން ވަނީ ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ އެ ބޭންކަށް ނަގަން ނިންމާފަ އެވެ.

އެހެންވެ، ވިޔަފާރިތަކާއި އާންމުން ވެސް ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހުމުގެ ސަބަބުން ތަކެތީގެ އަގުތައް ވަނީ ބޮޑުވެފަ އެވެ.

އެކަމަކު، ރައީސް މުއިއްޒު ވަނީ ސިޔާސީ ބޭނުމުގައި ވިޔަފާރިވެރިން ގަސްތުގައި ރާވައިގެން ތަކެތީގެ އަގު ބޮޑުކުރީ ކަމަށް ތުހުމަތުކުރައްވާފަ އެވެ. އެ މަނިކުފާނު ވިދާޅުވީ، ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި ޑޮލަރު ދޫކުރާ ކަމަށާއި އެ މީހުން ތަކެތީގެ އަގު ބޮޑުކުރީ ގަސްތުގައި ކަމަށެވެ. އެސްޓީއޯ މެދުވެރިކޮށް މޭވާއާއި ތަރުކާރީ ހިމެނޭހެން އާންމުން ބޭނުންކުރާ ގިނަ ބާވަތްތައް އެތެރެކުރަން ނިންމީ އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރު ޓީޓީ ހެދުމަށް ވިޔަފާރިތަކަށް އެ ބެންކުން ވިއްކީ 69 މިލިއަން ޑޮލަރެވެ. ނަމަވެސް، މި އަހަރު، މިދިޔަ އަށް މަހުގެ ތެރޭގައި އެކަނި ވެސް 73 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން އާންމުންނާއި ވިޔަފާރިތަކުގެ އިތުރުން ޒަރޫރީ ކަންކަމަށް ވެސް ގިނަ ބަޔަކު ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހެއެވެ. ކާބޯތަކެތި ހިމެނޭހެން އެންމެ ޒަރޫރީ ބާވަތްތައް ވެސް އެތެރެކުރާ ގައުމަކަށް ވުމުން ޑޮލަރުގެ އަގާ އެކު ދިވެހި އިގުތިސާދަށް ވަރަށް ބޮޑަށް އެނގުންވެއެވެ.

ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ އެމްއެމްއޭއަށް ނަގަން ފެށީ ދަރަނީގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. އެ ގޮތުން، މި އަހަރު އެކަނި ވެސް ދަރަންޏަށް 500 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ.

ބޭރުގެ މާލީ އިދާރާތަކުން ވެސް އެ ކަންބޮޑުވުން ފާޅުކުރިއިރު، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް ރާއްޖެއަށް ދީފައިވަނީ 'ޖަންކް' ރޭޓިންއެކެވެ.