އައްޑޫ ސިޓީ, ކެނެރީފް ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔަ ޒުވާނަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުވައްމުލަކު, މާލެގަން, ޑިމުސް, އަރީޝް މުހައްމަދު, 28, ރޭ އޭނާ މަސައްކަތް ކުރާ ކެނެރީފް ރިސޯޓްގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

ފަރުވާ ދިނުމަށް ހުޅުމީދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފަ އެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އަރީޝް މަރުވުމުގައި ޝައްކުކުރެވޭ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނީ ބޮޑަށް ބެލެވެނީ ފިޓްޖެހިގެން އޭނާ މަރުވި ކަމަށެވެ.

"އަރީޝްއަކީ ކުރިން ވެސް ފިޓްޖެހޭ މީހެއް. އެހެންވީމަ ބޮޑަށް ބެލެވެނި ފިޓްޖެހިގެން ކަމަށް މަރުވީ،" އޭނާ ކިޔައިދިނެވެ.

މިއަދު މެންދުރުނަމާދަށްފަހު ފުވައްމުލަކުގައި ވަނީ އަރީޝްގެ ޖަނާޒާ ބާއްވާފަ އެވެ.