ދާދިފަހުން ބާޒާރުގައި މޭވާ އާއި ތަރުކާރީގެ އަގުތައް ބޮޑުވުމަކީ ސިޔާސީ މަގްސަދެއްގައި ބައެއް ވިޔަފާރިވެރިން ކުރި ކަމެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވ. ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް އިއްޔެ ވިދާޅުވީ ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރުމަށް ބައެއް ވިޔަފާރިވެރިން ތަކެތީގެ އަގު ގަސްތުގައި ބޮޑުކުރާ ކަމަށާއި އެ ފުރުސަތު ދެން ނުދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ވަކި އަދަދަކަށް ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާ އެކު، ބޭރުން މުދާ އެތެރެކުރާއިރު ޓީޓީ ހެދުމަށް ކުރިން ނުލިބޭ އަދަދަށް ބޭންކު ރޭޓުން ޑޮލަރު ލިބޭ ކަމަށެވެ. އެހެންކަމުން ހެޔޮއަގުގައި ތަކެތި ލިބުމަށް މަގުފަހިވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ޑޮލަރު ލިބުން ދަތިކަމަށް ބުނެ، ބައެއް ވިޔަފާރިވެރިން މޭވާ އާއި ތަރުކާރީގެ އަގު ގަސްތުގައި ބޮޑުކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ވާހަކަ މިދަންނަވަނީ ސިޔާސީ ބޭނުމެއްގައި ރާވައިގެން ގަސްތުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ބައެއް ކަންކަން ބަޔަކު އެބަކުރޭ. އެކަންކަމަށް ލޯމަރާލައިގެން ހަމަ އެހެނެއް ނުތިބޭނަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ބޭނުންކުރާ އެންމެ ގިނަ ބާވަތުގެ ތަރުކާރީ އާއި މޭވާ އެސްޓީއޯ މެދުވެރިކޮށް ހެޔޮ އަގުގައި ލިބޭނެ ގޮތް ހަދާދީފައިވާ ކަމަށާއި ނަތީޖާއަކީ، ބޭންކުން އެއްވެސް ވަރަކަށް ޑޮލަރު ނުލިބިގެން އަގު ބޮޑުކުރި ކަމަށް ބުނާ މޭވާ އާއި ތަރުކާރީގެ އަގު މިހާރު ތިރިވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ވިޔަފާރިވެރިން ގަސްތުގައި އަގުބޮޑުކުރާ ކަމަށް ބުނެ ސަރުކާރުން ވަނީ އައިނު ފިހާރަތަކެއް ވެސް ހުޅުވާފަ އެވެ.