މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަން ރައީސް މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ ނަމުގައި ރައީސް މުއިއްޒު ދައުލަތުގެ އިދާރާއެއް އުފައްދަވާފައިވާ ކަމަށެވެ.

އެ ކޮމިޝަނަކީ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަން އުފެއްދި ކޮމިޝަނެކެވެ. އެ ކޮމިޝަނުގައި ތިބެނީ މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނެވެ. އެހެންކަމުން އެ ކޮމިޝަނަކީ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ރައީސް މުއިއްޒަށް ފުރިހަމަ ކޮންޓްރޯލް ނެގޭގޮތަށް އޮތް ކޮމިޝަނެކެވެ.

އެ ކޮމިޝަނަކީ ދޮގު ތެދު ކަނޑައެޅުމުގެ ބާރު ލިބިގެންވާ ކޮމިޝަނެކެވެ. ސަރުކާރުގެ ކޮރަޕްޝަންނާ ގުޅޭ ކަމެއްގެ ވާހަކަ ނޫހެއްގައި ލިޔެފިނަމަ އެއީ ދޮގެއް ކަމަށް ކަނޑައެޅުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެ އެވެ.

އެ ކޮމިޝަން އުފެއްދުމުގެ ބޭނުމަކީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންތަކުގެ ވާހަކަތައް ލިޔުން ހުއްޓުވުމެވެ. ނޫސްތަކަށް އެ ކޮމިޝަން މެދުވެރިކޮށް ބިރުދައްކައިގެންނެވެ. ނަމަވެސް ނޫސްތަކުން ބުނަމުން އަންނަނީ އެ ކޮމިޝަނުން ދައްކާ ބިރަކަށް ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތައް ލިޔުން ނުހުއްޓާނެ ކަމަށެވެ.