ރާއްޖޭގެ ވެރިކަން ރަސްކަމަކަށް ބަދަލުކުރަން ރައީސް މުހައްމަދު މުއިއްޒަށް ފުރުސަތު ދެވެން ނެތް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ އެމްޑީޕީގެ ފަހުލަވާނުންނާއި ދިވެހިރައްޔިތުން ތިބީ ރާއްޖެ ރަސްކަމަކަށް ބަދަލުކުރަން ރައީސް މުއިއްޒަށް ފުރުސަތުދޭ ގޮތަކަށް ނޫން ކަމަށެވެ.

މިއީ ދޮންބަންޑާރައިންނާއި އަލިރަސްގެފާނާއި ދަންޑަހެލާއި ބޮޑުތަކުރުފާނުގެ ވެސް ގައުމު ކަމަށާއި އެ ބޭފުޅުން މި ގައުމަށްޓަކައި ޖިހާދުކުރީ "ފަހުން އަންނާނެ މުއިއްޒުއެއް" ގައުމު ލޫޓުވާލާނެކަމަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން ކޮވިޑް ތެރޭގައި ލޯނު ނަގައިގެން ރާއްޖޭގެ އިގްތިސޯދާއި ދައުލަތުގެ މާލިއްޔަތު ސަލާމަތްކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ އަމިއްލަ ފަރުދުންގެ ދިރިއުޅުން ހަލާކުވެ، ވިޔަފާރިތައް ބަނގުރޫޓުވާނަތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަސްލު މިއުޅެނީ މާފަންނު ދިމްޔާތު މުއިއްޒު ވެރިކަމުގައި ހުރެގެނެއް ނޫން. އަޅުގަނޑުމެން މި އުޅެނީ އެމްޑީޕީ މިއަދު މި ރާއްޖޭގެ ވެރިކަމުގައި ނެތިގެނެއްވެެސް ނޫން. އަޅުގަނޑު ދެކޭގޮތުގައި މި ރާއްޖޭގެ ވެރިކަން ކޮންމެ މީހަކު ކުރިޔަސް، ހަމަހަމަކަމާއި ތެދުވެރިކަމާއެކު ހުރިހާ ރައްޔިތުންނަށް މަސައްކަތްކޮށްދޭންޖެހޭނެ،" އަމީރު ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްތަކުން ފައިދާހުރި ކަމެއް ނުކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ފައިދާހުރި އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާ ކަމަށް އަމީރު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތިން އަހަރު ރައީސް މުއިއްޒު ވެރިކަމުގައި ދެމިހުރެއްޖެނަމަ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް އަޅުގަނޑުމެންނަށް ވާނެ. އަޅުގަނޑުމެން އެބަޖެހޭ އެހެންގޮތަކަށް މަސައްކަތް ކުރަން، މި ސަރުކާރު ސައިޒުކުރަން، މި ސަރުކާރު ބަލިކުރަން،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތައް އޮތީ ރައީސް މުއިއްޒުގެ އަތްދަށުގައި ކަމަށެވެ. އަދި ފަނޑިޔާރުގޭގެ މިނިވަންކަމާ މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށް ވިދާޅުވި އެވެ.

އެންމެފަހުން ފެންނަމުން މިދަނީ މީޑިއާ ރެގިއުލޭޓް ކުރާނަމޭ ކިޔައިގެން މީޑިއާތައް ކޮންޓްރޯލް ކުރާ ބިލެއް މަޖިލީހަށް ހުށަހަޅައި ފާސްކުރާތަން ކަމަށާއި ބޭނުމަކީ ވެރިކަމުގައި ތިއްބެވި ބޭފުޅުން ކުރާ ވައްކަންތަކުގެ ވާހަކަތަކުގެ އަޑު ކަނޑުވާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަންތައް ކުރަމުން އެދަނީ މިހާރު މި ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ކުރާ ވައްކަންތަކާއި ހަދާ ދޮގުތަކާއި ހަދާ މަކަރުތައް މިހާރު އެކި އެކި ނޫސްތަކުން، ސޯޝަލް މީޑިއާ އިން އެނގޭތީ އެކަން ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތެއް،" އަމީރު ވިދާޅުވި އެވެ.