އެހެން މީހުންނަށް ވުރެ ގިނައިން ތިބާގެ ގައިގައި މަދަރި ހަފާހެން ހީވޭ ހެއްޔެވެ؟ މަދިރިއާ ހެދި އެއްތަނެއްގައި މަޑުން އިންނަން އުނދަގޫވޭ ހެއްޔެވެ؟ މާގިނައިން ހަށިގަނޑުގައި މަދިރި ހަފާނަމަ އެކަމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް ހުރުން އެކަށީގެންވެ އެވެ.

މި ލިޔުމުގައި މި ބަލާލަނީ އެހެން މީހުންނާ ހިލާފަށް ތިބާގެ ހަށިގަނޑުގައި މާ ގިނައިން މަދަރި ހަފަން މަގުފަހި ކުރުވާ ވަރަށް އާއްމު ބައެއް ސަބަބު ތަކަށެވެ.

އަލިގަދަ، ތުނި ފޭރާން ލުން

ލާ ހެދުމުގެ ގޮތުން ވެސް ތިބާގެ ހަށިގަނޑުގައި މަދިރި ހެފުން ގިނަވެދާނެ އެވެ. އެގޮތުން އަލިގަދަ، ތުނި ފޭރާމުގެ ހެދުން ލުމަކީ މަދިރި ހެފުމަށް މަގުފަހިވާ ކަމެކެވެ.

އޯ ޕޮޒިޓިވް ލޭ ހުރުން

ލޭގެ ގްރޫޕްތަކުގެ ތެރެއިން އޯ ޕޮޒިޓިވް ލެއަކީ މަދިރި މާ ގަޔާވާ ލޭގެ ގްރޫޕެކެވެ. އެހެން ކަމުން ތިބާގެ ހަށިގަނޑުގައި އޯ ޕޮޒިޓިވް ލޭ ހުންނަނަމަ އެހެން މީހުންނަށްވުރެ ގިނައިން ތިބާގެ ގައިގައި މަދިރި ހެފުމުގެ ފުރުސަތު ބޮޑެވެ.

މާގިނައިން ކާބޮންޑައިއޮކްސައިޑް ބޭރުކުރުން

ނޭވާ ލާއިރު ހަށިގަނޑުން ގިނަ އަދަދަކަށް ކާބޮންޑައިއޮކްސައިޑް ބޭރުވުމަކީ މަދިރި ހެފުން އިތުރުވާނެ ކަމެކެވެ. އެހެން ކަމުން ފުންކޮށް ނޭވާ ލާނަމަ މަދިރި ހެފުން ގިނަވާނެ އެވެ.

ހަމުގައި ޖަރާސީމު ހުރުން

ހަށިގަނޑުގެ ހަމުގައި ޖަރާސީމު ހުންނަ މިންވަރަކީ ވެސް މަދިރި ހެފުމަށް އަސަރުކުރާ ކަމެކެވެ. އެގޮތުން ހަމުގައި ޖަރާސީމު ގިނައިން ހުރި ނަމަ މަދިރި ހެފުން ވެސް ގިނަވާނެ އެވެ.

މާބަނޑުވުން

މާބަނޑު އަންހެނުންގެ ހަށިގަނޑުގެ ހޫނުމިން އެހެން މީހުންނަށް ވުރެ އިތުރުވެފައި ކާބޮންޑައިއޮކްސައިޑް ބޭރުކުރުން އިތުރުވުމާއެކު މާބަނޑު އަންހެނުންގެ ގައިގައި މަދިރި ހެފުމުގެ ފުރުސަތު ބޮޑެވެ.