ބީއެމްއެލް އިން ގއ. ކޮނޑޭ އާއި ކަނޑުހުޅުދޫގައި އޭޓީއެމްގެ ހިދުމަތް މިއަދު ފަށައި އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދޭން ފަށައިފި އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކިން ހިދުމަތް ފަސޭހަކުރުމަށް އޭޓީއެމް ބެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮނޑޭ އާއި ކަނޑުހުޅުދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުތަކުގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަބްދުﷲ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

އަލަށް ބެހެއްޓި އޭޓީއެމް ސެންޓަރުތަކުން ފައިސާ ނެގުމާއި ޖަމާކުރުން ފަދަ އަސާސީ ބޭންކިން ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ އެވެ. މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ކުރި މަސައްކަތެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ އާ އޭޓީއެމް ސެންޓަރުތަކަކީ ކަސްޓަމަރުންނާ ވީހާ ވެސް ގާތުން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ ބުރަ މަސައްކަތުގެ ހެއްކެއް ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު މުއްތަލިބު އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވަނީ

"މިއަދުން ފެށިގެން، ފައިސާ ނެގުމާއި ޖަމާކުރުމަށް ގއ. އަތޮޅުގެ އެއްވެސް ރަށެއްގައި ދިރިއުޅޭ މީހަކު އެހެން ރަށަކަށް ދަތުރުކުރާކަށް ނުޖެހޭނެ. އަތޮޅުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ޚިދުމަތެއް މިހާރު ކޮންމެ ރަށަކުން ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން ގެންދަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 42 ބްރާންޗާއި 181 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 217 އޭޓީއެމް އާއި އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ.