ކާމިޔާބު ކްލިނިކަލް ޓެސްޓުތަކަކަށްފަހު ރަޝިއާގެ އީޖާދީ ކެންސަރު ވެކްސިން ދުނިޔޭގެ ބާޒާރަށް ނެރެން ތައްޔާރު ވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ރަޝިއާގެ ސައިންސްވެރިން އުފައްދާފައިވާ "އެންޓެރޮމިކްސް" ވެކްސިން ވަނީ އެ ވެކްސިންގެ ކްލިނިކަލް ޓްރައަލްތަކުން 100 ޕަސެންޓުގެ ކާމިޔާބީއެއް ހޯދާފަ އެވެ.

ރަޝިއާގެ ފެޑެރަލް މެޑިކަލް އެންޑް ބައޮލޮޖިކަލް އެޖެންސީ (އެފްއެމްބީއޭ)އިން ބުނީ މިހާތަނަށް ހެދިފައިވާ ޓެސްޓުތަކުން ކެންސަރަކަށް މަގުފަހިވާ ޓިއުމަރުތަކާއި ސެލްތައް އެ ވެކްސިނުން ނައްތާލެވިފައިވާ ކަމަށެވެ.

އެގޮތުން އެމްއާރްއެންއޭ ބޭސްޑް އެންޓެރޮމިކްސްއިން ވަނީ ސިކުނޑީގެ ކެންސަރާއި އުރަމަތީގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ފަރުވާ ހޯދާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މިއާއެކު ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ އެއް ބަލި ކަމަށްވާ ކެންސަރަށް ދެމެހެއްޓެނިވި ފަރުވާއެއް ހޯދުމަށް ކުރާ މަސައްކަތަށް އާ އުއްމީދެއް ވަނީ ލިބިފަ އެވެ.

މިހާރު ކެންސަރަށް ދޭ ފަރުވާ ކަމަށްވާ ކީމޮތެރަޕީއަކީ ބަލިމީހާއަށް ވަރަށް ވޭންހުރި އޭގެ ސަބަބުން ގިނަ ސައިޑް އެފެކްޓްސްތަކަކާ ކުރިމަތިލާން ޖެހޭ ފަރުވާ އެކެވެ.

އަލަށް އުފެއްދި ކެންސަރު ވެކްސިންއަށް ރެގިއުލޭޓަރީ ކްލިއަރެންސް ލިބުމުން ބާޒާރަށް ނެރޭނެ ކަމަށް ރަޝިއާގެ އިދާރާތަކުން މައުލޫމާތު ދެ އެވެ.