މިދިޔަ މަހު އަމަލުކުރަން ފެށި ގޭންގު ކުށްތަކާ ބެހޭ އާ ގާނޫނުގެ ދަށުން، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ގޭންގް ކުށްތައް ރާވާ ހިންގާ "ސޭފްހައުސް" އަކުން ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި ގެޔަކުން ތޫނު ހަތިޔާރު ފެނިފައިވާ ކަމަށެވެ. އެއީ މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް ރައްކާކުރަން ސޭފްހައުސްއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވާ މައްސަލައިގައި ހައްޔަރުކުރީ އިބްރާހީމް ޒައިދާން (22އ)، އަހްމަދު ނަވާޒް (30އ) / މއ. މޯނިންވިއު، މާލެ، އަދި މުހައްމަދު ޝިދާދު (22އ) / ބަށިމާގެ، ލ. މާބައިދޫ އެވެ.

އެ މީހުންގެ ތެރެއިން އަހްމަދު ނަވާޒްގެ ބަންދަށް 30 ދުވަސް އަދި ދެން ތިބި ދެ މީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެ ގާނޫނު ބުނާގޮތުން ގޭންގަކަށް ނިސްބަތްވާ ބަޔަކު ތޫނު ހަތިޔާރު ގެންގުޅެފައިވާނަމަ އަދަބު ބޮޑުވެ އެވެ.