ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް)ގެ ނަމުގައި މިދިޔަ ސަރުކާރުން ފެށި އާންމު ދަތުރުފަތުރުގެ ހިދުމަތުގެ ލޯގޯއިން ރީނދޫ ކުލަ ފޮހެލަން ނިންމީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަށް އެ ހިދުމަތްދޭ ކުންފުނި، އެމްޓީސީސީން މިއަދު ބުނެފި އެވެ.
މިދިޔަ ސަރުކާރުގައި އާރްޓީއެލްގެ ހިދުމަތް ފެށިއިރު ލޯގޯގައި ހުރީ ރީނދޫ ކުލައާއި ގަދަ އަދި މަޑު ނޫ ކުލަ އެވެ.
އެކަމަކު، އެ ލޯގޯއަށް މި ސަރުކާރު އައި ފަހުން ބަދަލު ގެނައިކަން މީހުންގެ ސަމާލުކަމަށް އައި ބ. އަތޮޅުގައި އެ ހިދުމަތް ފެއްޓުމަށް ފަހު އާންމުކުރި ފޮޓޯތަކުންނެވެ. އެއަށް ފަހު ގިނަ ބަޔަކު ވަނީ ލޯގޯއިން ރީނދޫ ކުލަ އުނިކޮށް، އަޅިކުލަ ހިމެނުމުން ފާޑުކިޔައިފަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ސަން" އަށް މައުލޫމާތު ފޯރުކޮށްދެމުން އެމްޓީސީސީން ބުނީ އެ ނިންމުން ނިންމާފައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީން ކަމަށެވެ. ނަމަވެސް، ނިންމުން ނިންމި ސަބަބާ ގުޅޭ ގޮތުން އެ ކުންފުނިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެ ކުންފުނިން ބުނީ، އާރްޓީއެލްއާ ގުޅޭ ހުރިހާ ނިންމުމެއް ނިންމަނީ ޓްރާންސްޕޯޓު މިނިސްޓްރީގައި ހިންގާ އާރްޓީއެލް ސްޓިއަރިން ކޮމިޓީން ކަމަށެވެ. އެ ގޮތުން، އާރްޓީއެލްގެ ލޯގޯއިން ރީނދޫ ކުލަ އުނިކުރަން ނިންމީ އެ ކޮމިޓީގެ 132 ވަނަ ބައްދަލުވުމުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާރްޓީއެލްގެ ލޯގޯއިން ރީނދޫ ކުލަ އުނިކުރުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
އެ ގޮތުން، އެމްޑީޕީ ސަރުކާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވަނީ ގައުމީ މަސްރޫއެއްގެ ގޮތުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކަމަށާއި ލޯގޯގެ ކުލަތައް ބަދަލު ކުރިޔަސް އެކަން ބަދަލެއް ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.