ބޮލީވުޑްގައި 2000ގެ ކުރީކޮޅު އެންމެ ވިދާލި އެއް ބަތަލެއްގެ ގޮތުގައި ޖޯން އަބްރަހަމް ހިމެނެ އެވެ. އޭނާއަކީ އޭނާގެ ރީތިކަމާއި މޮޅު އެކްޓިން އިން އެތަކެއް އަންހެނުންގެ ހިތް ދަމައިގެން ފިރިހެނެކެވެ. ޖޯން ވަނީ ގިނަ ހިޓް ފިލްމުތަކެއް ކުޅެދީފަ އެވެ.

އޭނާ އާއި އެކު ބިޕާޝާ ބާސޫ ލޯބީގެ ގޮތުން ގުޅުނުއިރު، ބިޕާޝާ އާއި ޖޯންގެ ޖޯޑު ވެގެންދިޔައީ ބޮލީވުޑްގައި ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ލިބުނު ޖޯޑަކަށެވެ.

އެހެން ނަމަވެސް ދުވަސްތަކަކަށްފަހު އެ ދެ މީހުން ވަކިވުމުން ގިނަ ބަޔަކު އެކަމާއި ނުރުހުން ވެސް ފާޅުކޮށްފައިވެ އެވެ. އެހާ ވެސް އެ ދެމީހުންގެ ޖޯޑަށް މީހުންގެ ސަޕޯޓު ލިބުނެވެ.

ބުނެވޭ ގޮތުގައި ނުވަ އަހަރަށްފަހު އެ ދެތަރިންގެ ލޯބީގެ ގުޅުން ނިމުމަކަށް ގެނައީ ދިރިއުޅުމާއި މުސްތަގްބަލާމެދު ދެމީހުން ގެންގުޅޭ ހިޔާލުތައް ތަފާތުވެ އެކަމުގެ ސަބަބުން ސުލްހަ ނުކުރެވޭ ވަރަށް ހިޔާލު ތަފާތުވުމުންނެވެ.

އެއާއެކު ޖޯން ބިޕާޝާއަށް ބޭވަފާތެރިވި ކަމަށް ދޭހަވާ މޭރުމަކުން ވެސް ބިޕާޝާ ވަނީ ފަހުން ވާހަކަ ދައްކާފަ އެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް ނޭނގެ އެވެ.

މިކަމާ ގުޅިގެން އާންމުންގެ ތެރެއިން މީހަކު ވަނީ ބިޕާޝާއާ ގުޅިގެން ޖޯންއަށް ސުވާލެއް ކޮށްފަ އެވެ. އެގޮތުން އެއްވެސް މީހެއްގެ ފުރަތަމަ ލޯތްބަކީ ހަނދާނުން ފޮހެލަން ދަތި ފަރާތަކަށް ވާނެކަމަށާއި، އަދިވެސް ޖޯންގެ ހަޔާތުގައި ބިޕާޝާގެ ހަނދާންތައް ވޭތޯ އޭނާ ވަނީ ސުވާލު ކޮށްފަ އެވެ.

މި ސުވާލަށް ރައްދުދެމުން ޖޯން ބުނީ ބިޕާޝާ އަކީ ޖޯންގެ ހަޔާތުގައި ވަރަށް މުހިންމު މީހެއް ކަމަށެވެ. ހަމައެހެންމެ ލޯތްބަކީ އަބަދު އޮންނާނެ އެއްޗަކަށް ނުވިނަމަވެސް ބިޕާޝާއަށް އަބަދުވެސް އިހުތިރާމު ކުރާނެ ކަމަށާއި، އިހުތިރާމަކީ ބިޕާޝާއަށް އޭނާގެ ފަރާތުން ދާއިމަށް ކުރާނެ އެއްޗެއް ކަމަށް ޖޯން ބުނެފައިވެ އެވެ.

ޖޯން އަބްރަހަމް ކައިވެނި ކުރީ، ޕްރިޔާ ރަންޗަލް ނަމަކަށް ކިޔާ އަންހެން ކުއްޖަކާ އެވެ. އަދި ބިޕާޝާ ކައިވެނި ކުރީ އިންޑިއާގެ އެކްޓަރެއް ކަމުގައިވާ ކަރަން ސިންގް ގްރޯވަރާ އެވެ.