މީޑިއާގެ މިނިވަންކަމަށް އަރައިގަނެ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރެވޭގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ރައީސް މުހައްމަދު މުއިއްޒާ ބައްދަލުކުރަން މީޑިއާ ކައުންސިލުން ނިންމައިފި އެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިއަދު ބޭއްވި އެ ކައުންސިލްގެ ޖަލްސާގައި އެ ބިލާ ގުޅޭގޮތުން ވާހަކަދައްކަން ރައީސް މުއިއްޒާ ބައްދަލުކުރަން ނިންމާފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލުން ބުނީ އެ ބިލަކީ ކަމާބެހޭ އެއްވެސް މުއައްސަސާއަކާ މަޝްވަރާކޮށްގެން އެކުލަވާލި ބިލެއް ނޫން ކަމަށެވެ. އެހެންވެ އެ ބިލް ބަލައިނުގަތުމަށް އެމްޑީޕީ އާއި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގައި އެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

އެފަދަ ބިލެއް ހުށަހެޅިއިރު، ބިލް އަމާޒުވާ ނޫސްވެރިންނާއި ސްޓޭކްހޯލްޑަރުންގެ ބަހެއް ހޯދާފައިނުވާތީ މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އެ ބިލް މަޖިލީހަށް ހުށަހެޅުމުގެ އަޑީގައި ހުރީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ. ނާޒިމް ޑްރާފްކޮށް ހަންނާނާ ހަވާލުކުރުމުން އޭނާ އެ ބިލް ހުށަހެޅީ އެވެ.

ނާޒިމް އެ ބިލް ހުށަހެޅީ ރައީސް މުއިއްޒާ ވެސް މަޝްވަރާކޮށް އެމަނިކުފާނުގެ ރުހުމާއެކު އެވެ.