ކެއްސާތީ އާންމުކޮށް ބޭނުންކޮށް އުޅޭ ކޮފްސީ ސިރަޕުގެ ކޮލިޓީ މައްސަލައެއް ދިމާވެ, އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އެލާޓެއްގައި ބުނީ ކޮފްސީ ސިރަޕުގެ ކޮލިޓީ މައްސަލައެއް ފާހަގަކުރެވުނީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ ބޭހުގެ މާކެޓް ސަވައިލަންސް ކުރުމުގެ ތެރެއިން ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް 19، ގައި ކޮފްސީ ބޭހުގައި ކުނޑިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިގެން އެ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރަން ތަހުލީލުތަކެއް ހަދަން ނިންމައި އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުން އެމްއެފްޑީއޭއިން މަނާކުރި އެވެ.

އެކަމަކު ތަހުލީލުތަކަށް ފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު 29، ގައި އެމްއެފްޑީއޭއިން ބުނީ ކޮފްސީ ސިރަޕުގައި އެއްވެސް މައްސަލައެއް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އަލުން ވަނީ އެ ބޭސް ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ.

އެއްވެސް ފާމަސީއެއްގައި ކޮފްސީ ސިރަޕް ހުރިނަމަ، ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދަން އެމްއެފްޑީއޭ އިން ވަނީ އެދިފަ އެވެ.

އެމްއެފްޑީއޭ އިން ބުނީ އެ ބޭސް ބޭނުން ކުރުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ސިއްހީ މައްސަލަ ދިމާވެގެން ރިޕޯޓްކޮށްފައިނުވާ ކަމަށެވެ.

ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.