ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ ކޯޗިން ޕާޓްނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
ދިރާގުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން މިހާރަށްވުރެ ފަސޭހަކޮށް، އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ގޮތުން ޑީއެމްއާރްއާރްގެ ކޯޗިން ޕާޓްނަރުން ހޮވަމުންނެވެ. ކޯޗިން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 26ގެ ކުރިން [email protected] އަށް އީމެއިލް ފޮނުއްވައިގެން ކުރިމަތިލެވޭނެ އެވެ.
ޑީއެމްއާރްއާރް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މީގެ އިތުރުން މިއީ ވަރލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ. ޑީއެމްއާރްއާރްގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 24 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
ފާއިތުވެގެންދިޔަ އަހަރުތަކުގެ ތެރޭގައި ޑީއެމްއާރްއާރް މިވަނީ ރާއްޖޭގެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެންމެ ބޮޑު ދުވުމުގެ ހަރަކާތަށް ވެފަ އެވެ. ދިރާގުގެ އަމާޒަކީ ކޯޗިން ޕާޓްނަރުންގެ އެހީ އާއިއެކު މި ދުވުމަށް ގިނަ ބަޔަކު ފުރިހަމަ ގޮތުގައި ތައްޔާރުވެ، މި އިވެންޓްގެ ރޫހު އިތުރަށް ވަރުގަދަވެގެން ދިޔުން ކަމަށް އެ ކުންފުނިން ބުންޏެވެ.