އަންނަ އަހަރުގެ ކުރީކޮޅު އޮންނަ ކައުންސިލް އިންތިހާބާ ދިމާކޮށް އއ. ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓް އަޅާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.
އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި އެ އަތޮޅު ބޮޑުފުޅަދުއަށް މިއަދު ހެނދުނު ވަޑައިގެން ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގެދޮރުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެއް ކަމަށާއި، އެގޮތުން ބޮޑުފޮޅުދޫގައި ވެސް އެ މައްސަލަ އޮތުމުން ހައުސިން މަޝްރޫއެއް އަންނަ އަހަރު އެ ރަށުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން 50 ހައުސިން ޔުނިޓް އެޅުމަށް ބަޖެޓުގައި ހިމަނައި އަންނަ އަހަރު ކުރީކޮޅު އަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެމަޝްރޫޢާއެކު ތިބޭފުޅުންނަށް ގެދޮރުގެ މައްސަލަ ޙައްލުވެގެންދާނެ،" އާބަދީގައި 800 އެއްހާ މީހުން އުޅޭ ބޮޑުފޮޅުދޫގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޮޑުފޮޅުދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ކޮށްދިނުމަކީ ސަރުކާރުގެ އިސް ވާޖިބު ކަމަށާއި، މިހާތަނަށް ބައެއް ކަންކަން ފުރިހަމަކޮށްފައިވާ ކަމަށެވެ.