މީޑިއާތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ނޫސްތައް ބަންދުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކަށް ލިބޭގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު އަނބުރާ ގެންދިއުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.
ސޯލިހު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެންދިއުން ކަމަށާއި މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
"މީޑިއާތައް އުވާލައި، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް މި ބިލަކީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފުލަމުންދާ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ކަމަށެވެ.
އެ ބިލުގައި ވާގޮތުން މި ބިލު ގާނޫނަކަށް ވުމާ އެކު، މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވޭނެ އެވެ. އެެއަށް ފަހު އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ނަމުގައި އުފައްދާ ކޮމިޝަނަކުންނެވެ.
އެ ކޮމިޝަނުގައި ހަތް މެންބަރުން ތިބޭއިރު، އޭގެތެރެއިން ތިން މެންބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެ ބިލްގައިވެ އެވެ. އަދި ބާކީ ތިބި މެންބަރުން އިންތިޚާބު ކުރަނީ މީޑިއާތަކުން ކުރިމަތިލާ ކެންޑިޑޭޓުންގެ މެދުގަ އެވެ.
އެ ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ބާރު ވެސް ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
މީގެއިތުރުން މީޑިއާތަކުން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހަށް ލިބިގެންވާ ކަމަށް އެ ބިލްގައިވެ އެވެ.