ފ. މަގޫދޫ ކައުންސިލުން ތަރައްގީކުރި ބައެއް ތަންތަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފި އެވެ.

މަގޫދޫ ކައުންސިލްގެ ދައުވަތަކަށް އެ ރަށަށް ވަޑައިގެން ރައީސް ސޯލިހު މިރޭ ވަނީ އެ ރަށު ބަނދަރު މަތީގައި ކައުންސިލުން ތަރައްގީ ކުރި ދަތުރުވެރިންގެ ހިޔާ އާއި ރަސްމީ ފާލަމުގެ އިތުރުން ލައިސަންސް ޓްރެކް ހުޅުއްވައިދެއްވާފަ އެވެ.

އެ ތަންތަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) އާއި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާގެ އިތުރުން އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މަގޫދޫ ކައުންސިލް އިން ތަރައްގީކޮށްފައިވާ މި ތަންތަނަކީ އެ ކައުންސިލްގެ ބަޖެޓުން ހަރަދު ކޮށްގެން ތަރައްގީ ކޮށްފައިވާ ތަންތަނެވެ.

މަގޫދޫ ސްކޫލުގައި ލައިބްރަރީ އަކާއި ކޮމްޕިއުޓަރު ލެބެއް ގާއިމް ކުރުމުގެ އިތުރުން ސްކޫލަށް ބޭނުންވާ ބައެއް އެހެން ކަންކަން ވެސް އެ ކައުންސިލް އިން އަންނަނީ ކުރަމުންނެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ވެސް މަގޫދޫގައި ވަނީ ތަރައްގީގެ މަޝްރޫއުތަކެއް ހިންގާފަ އެވެ. އެގޮތުން މަގޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި އައުޓްޑޯ ވޮލީ ކޯޓަކާއި، ކުޑަ ކުދިންގެ ޕާކެެއް ތަރައްގީކޮށްފައިވެ އެވެ.

މީގެއިތުރުން އެ ރަށުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށައި އެ މަސައްކަތުގެ ބޮޑުބައެއް ނިންމާފައިވެ އެވެ.