ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ދެމެދު، ދިވެހިރާއްޖޭގައި އެކައުންޓިންގ އަދި މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އާއި ސީއޭ މޯލްޑިވްސް ގުޅިގެން ދާއިރާގެ މައުލޫމާތު އާންމުންނަށް ހިއްސާކުރުމާއި، ގަވާއިދުތައް އެކުލަވައިލުމާއި، ދާއިރާގެ ފަންނުވެރީންގެ ގާބިލުކަން އިތުރުކުރުމާއެކު އެކައުންޓިންގ އަދި އޮޑިޓިން ދާއިރާ އިތުރަށް ހަރުދަނާކުރުމަށްވެސް މަސައްކަތްކުރާނެއެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މި އެއްބަސްވުމަކީ މުޅި ޤައުމުގައި އެކައުންޓިންގ އަދި މާލީ ދާއިރާގެ ޕްރޮފެޝަނަލް މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"ސީއޭ މޯލްޑިވްސްއާއެކު ކުރުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކާއެކު އަޅުގަނޑުމެންގެ މަގުސަދަކީ ގާބިލުކަން އިތުރުކޮށް، ދާއިރާގެ އެންމެ ރަނގަޅު އުސޫލުތައް ކުރިއަރުވައި، ދިވެހިރާއްޖޭގެ މާލީ ދާއިރާ އާއި އިގްތިސާދު ތަރައްގީކުރުމުގައި މިހާރު އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުން،" ޝަރީފް ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ބޭނުމަކީ އެކައުންޓިން އަދި މާލީ ދާއިރާގައި ހުނަރާއި، މައުލޫމާތާއި، އަދި އަހުލާގީ މިންގަނޑުތައް ތަރައްގީކުރުމަށް އެހީތެރިވެދިނުމާއެކު ދެ މުއައްސަސާއަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ދުރު މުސްތަގްބަލަކަށް ފައިދާ ހޯދައިދިނުމެވެ.
ބީއެމްއެލްއިން އަންނަނީ މުޅި ގައުމުގެ ވަކިވަކި ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އެހީތެރިވެދިނުމަށް ފަރުމާކުރެވިފައިވާ އެއްބަސްވުންތަކާއި މަޝްރޫއުތައް ހިންގަމުންނެވެ.
ފާއިތުވި އަހަރު، ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް (އެމްއޭއެފް) ބޭއްވުމަށްޓަކައި ސީއޭ މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މި ފޯރަމްގެ މަގުސަދަކީ އެ އިންސްޓިޓިއުޓްގެ މެންބަރުންނާއި، ދިވެހިރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދީ، ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން އިތުރަށް ހަރުދަނާކޮށް ކުރިއެރުމަށް މަގުފަހިކޮށްދިނުމެވެ.