ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އިތުރު 56 ރަށެއްގައި އޭޓީއެމް ބަހައްޓައި މަޝްރޫއު ނިންމާލުމަކީ އެ ބޭންކުގެ އަމާޒު ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ދިނުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ބ. މާޅޮހުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލްއިން ރާއްޖޭގައި އޭޓީއެމް ޚިދުމަތް ދޭން ފެށީ 2000 ވަނަ އަހަރު ކަމަށެވެ.
އޭރު މާލޭގައި ފަސް އޭޓީއެމްއެއް ބެހެއްޓި ކަމަށާއި، އޭގެ ހަތް އަހަރުފަހުން 2007 ވަނަ އަހަރު އަތޮޅުތެރެއަށް އޭޓީއެމް ޚިދުމަތް ދޭން ފެށުނު ކަމަށް ޝަރީފް ވިދާޅުވި އެވެ. އެ މަސައްކަތުގެ ދަށުން 19 ރަށެއްގައި އޭޓީއެމް ބެހެއްޓި ކަމަށާއި، 2008 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމަޔަށް އިތުރު 68 ރަށުގައި އޭޓީއެމް ޚިދުމަތް ފެށިކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ މިދިޔަ އަހަރު ނުވަ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށި ކަމަށެވެ. އެހެންކަމުން މިދިޔަ އަހަރު ނިމުނު އިރު މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޖުމްލަ 96 ރަށެއްގައި ބީއެމްއެލްއިން އޭޓީއެމް ޚިދުމަތް ދޭން ފެށި އެވެ.
ޝަރީފް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 47 ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ދ، ހއ، ނ، މ، ށ، ކ އަދި ބ އަތޮޅު ހިމެނޭ ގޮތަށް ހަތް އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފަ އެވެ.
މިވަގުތު އިތުރު ފަސް އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. ދެން ބާކީ އޮތް ހަތް އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސް ދުވަސްތެރޭ އޭޓީއެމް ޚިދުމަތް ގާއިމްކޮށް މި މަޝްރޫއު ކާމިޔާބުކަމާއެކީ ނިންމާލުމަކީ ބީއެމްއެލްގެ އަމާޒު ކަމަށާއި ބީއެމްއެލްގެ މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ބޭންކިން ޚިދުމަތްތައް ލިބޭނެ ކަމަށް އޭނާ ފާހަގަކުރައްވާފައިވެ އެވެ.
ބީއެމްއެލްއިން ރާއްޖޭގައި އޭޓީއެމް ގާއިމްކުރީ 2000 ވަނަ އަހަރު އެވެ. އޭރު މާލޭގައި ފަސް އޭޓީއެމް ބެހެއްޓި އެވެ. އޭގެ 7 އަހަރު ފަހުން 2007 ވަނަ އަހަރު އަތޮޅުތެރެއަށް އޭޓީއެމް ހިދުމަތް ދޭން ފަށައި، އެ އަހަރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓި އެވެ.