ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިވެންޓް ކަމުގައިވާ އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން 2025 - ޖޭ30 ގެ މެއިން ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ 18 އަހަރުން ދަށުގެ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ގައުމީ ޓެނިސް ސެންޓަރުގަ އެވެ. މި މުބާރާތުގައި 24 ގައުމަކުން 100 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ ތެރޭގައި ރާއްޖޭގެ 22 ކުޅުންތެރިން ހިމެނެ އެވެ. މި މުބާރާތުގެ ޒަރިއްޔާއިން ޒުވާން އެތުލީޓުންގެ ހުނަރުތައް ދައްކައިލައި، ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި، މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ކުޅިވަރު ކަލަންޑަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އައިޓީއެފް މުބާރާތުގެ ޕަރޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ރާއްޖޭގައި ޓެނިސް ކުރިއަރުވައި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި، މިއީ ރާއްޖޭގައި ކުޅިވަރު ތަރައްގީކޮށް ކުޅިވަރު އިވެންޓްތަކުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކެމެއް،" ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މަރކެޓިންގް ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވި އެވެ.

ޓީއޭއެމްގެ ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވީ އެ އެސޯސިއޭޝަންގެ މަގުސަދަކީ ރާއްޖޭގައި ޓެނިސް ކުރިއަރުވައި، ޒުވާން އެތުލީޓުންނަށް ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ކުދިން އިތުރު ހަރުފަތްތަކަށް ގެންގޮސްދިނުން ކަމަށެވެ.

"އަދި، މި މުބާރާތް ކާމިޔާބުކަމާއެކީ ގެންދިއުމަށް މުބާރާތުގެ މެއިން ޕަރޓްނަރުގެ ގޮތުން ދިރާގުން ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރުން" އިގްނާޒް ވިދާޅުވި އެވެ.

ދިރާގުން ދަނީ މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ ކުޅިވަރު ތަރައްގީކުރުމަށް ކުރިއަށްގެންދާ މި ފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ހިންގާ ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުންނެވެ.