މި އަހަރަކީ ތަރައްގީގެ އަހަރު ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމަށްފަހު ބަހައްޓަމުން ދަނީ އޭޓީއެމްތަކެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ އެކި ރަށްރަށުގައި އޭޓީއެމް ބަހައްޓައި އޭގެ ހިދުމަތް ފައްޓަވައިދެއްވުމަށް ރައީސް މުއިއްޒު ވަޑައިގަންނަވާތީ ފާޑުވިދާޅުވެފަ އެވެ.
"އެހާ ބޮޑު ވީމާ ކަންނޭނގެ، މި ސަރުކާރުން މި ދަނީ މަޝްރޫއުތައް ބަހާލައިގެން. އެއީ މުއިއްޒު ދެއްތޯ ވިދާޅުވީ، އެންމެ ފުރަތަމަ މިދިޔަ އަހަރަކީ އެއީ އަހަރެއް ނޫނޭ، އެކަމަކު 2025ގައި ތިބޭށޭ އަތުކުރި އޮޅާލައިގެން، ވަރަށް މުރާލިކަމާ އެކު އެންމެން ތިބެނީ މަސައްކަތްތަކުގައޭ ޕްރޮޖެކްޓްތަކުގައޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އޭޓީއެމް ބެހެއްޓުމަކީ މީގެކުރިން އައި ހުރިހާ ސަރުކާރުތަކުން ވެސް ކުރަމުން އައި ކަމެއް ކަމަށެވެ. އެކަމަކު އޭޓީއެމް ބެހެއްޓުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވާފައިނުވާ ކަމަށް ވިދާޅުވި އެވެ.
"އޭޓީއެމްއަކީ ކޯއްޗެއްތޯ؟ އާދައިގެ ކަމެއް ދެއްތޯ. އޭޓީއެމް ބެހެއްޓުމަކީ މީގެ ކުރިން ވެސް ސަރުކާރުތަކުން ކުރާ ކަމެއް، ބެންކް އޮފް މޯލްޑިވްސްއިން ކުރާނެ. އެކަމަކު އެއީ ރައީސްގެ ވަގުތުގެ ޓައިމް ނަގާ ވަރު ކަމަކަށް ނުވޭ އެނގޭތޯ،" ޔާމީން ވިދާޅުވި އެވެ.
ރައީސް މުއިއްޒު ރަށްރަށް ކުރައްވާ ދަތިރުފުޅުގައި ކުރީގެ ސަރުކާރުން ނިންމާފައިވާ މަޝްރޫއުތަކުގެ ރިބަން ކަނޑާތީ ވެސް ޔާމީން ފާޑުވިދާޅުވި އެވެ.