ފަލަސްތީނުގެ ހައްގުގައި މާލޭގައި އެތައް ހާސް ބަޔަކު ނުކުމެ އަޑު އުފުލައިފިއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި އެ ނޫންވެސް އެކި ޖަމިއްޔާތަކާއި އެކި ފަރާތްތައް ގުޅިގެން އިންތިޒާމްކުރި އެއްވުން މިއަދު ހަވީރު ބޭއްވީ މާފަންނު ސްޓޭޑިއަމްގަ އެވެ.
މި އެއްވުމުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ އިތުރުން ދައުލަތު ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
އެ އެއްވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް އެބަޔަކަށް ބައިވެރިވެވުނު ކޮންމެ ގޮތަކަށް ބައިވެރިވާންޖެހޭނެ ކަމަށެވެ.
ފަލަސްތީނަށް ކާބޯތަކެތި ވެއްދުން އިސްރާއީލުން މަނާކޮށް އެކަމަށް ހުރަސްއަޅާތާ އެތަކެއް ދުވަސްވެއްޖެ އެވެ. އެކަމުގެ ސަބަބުން ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް ބަޔަކު ދަނީ ޝަހީދުވަމުންނެވެ. ހޮސްޕިޓަލްތައް ބިމާ ހަމަވެ ސިއްހީ ފަރުވާ ހޯދޭނެ ގޮތެއް ނެތެވެ. އިސްރާއީިލުގެ ކެބިނެޓުން ވަނީ ފަލަސްތީނުގެ ގާޒާގައި ޔަހޫދީންގެ ވެރިކަމެއް ގާއިމްކުރަން ފާސްކޮށްފަ އެވެ.
މިކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ އެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ. ހަމައެހެންމެ ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުން އިސްރާއީލަށް އެހީތެރިވަމުންދާތީ ޝަހީމް ވަނީ އެކަން ވެސް ކުރެއްވި ކުރައްވާފަ އެވެ.
"މާތް ﷲ އިރާދަކުރެއްވިއްޔާ ފަލަސްތީނުގެ ދައުލަތް އަރަބި ފަލަސްތީނުގެ ގައުމުގައި ގާއިމުވެގެންދާނެ. ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން މި އުންމަތުގެ މަތިން ސައްޔޫނީ ބާރުތަކާ ދެކޮޅަށް ކުރަމުންދާ ވަރުގަދަ ޖިހާދުގައި އަޅުގަނޑުމެން ބައިވެރިވާން ޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ.
އެ އެއްވުމުގައި ފަލަސްތީނުގެ ގާޒާގައި ދާދިފަހަކާ ޖެހެންދެން ދިރިއުޅުނު އެ ގައުމުގެ ރައްޔިތަކު ވަނީ ވާހަކަދައްކާފަ އެވެ.
އޭނާގެ ވާހަކައިގައި ފަލަސްތީނުގެ ހައްގުގައި ދިވެހި ރައްޔިތުން ކުރާ މަސައްކަތްތަކަށް ޝުކުރުއަދާކުރި އެވެ.
ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރާ ޑރ. ހަސަން އަލް ކޯޑީ ވެސް ވަނީ އަސަރުން ފުރިގެންވާފަދަ ވާހަކަތަކެއް އެ އެއްވުމުގައި ދައްކާފަ އެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ލިބުން ލަސްވާކަމަށްޓަކައި މާޔޫސްނުވެ ސާބިތުކަމާއެކީ އެ ގައުމުގެ މުސްލިމުންގެ ހައްގުގައި މަސައްކަތްކުރުންމަތީ ދެމިތިބުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.