ފުލުހުންގެ ތިޖޫރިން 30،000 ޑޮލަރު ގެއްލިފައިވާ ކަމުގެ ކަށަވަރު މައުލޫމާތާއެކު "ހުރިހާ"ގައި ހަބަރެއް ޝާއިއުކުރުމުން، މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފައިސާގެ ޖުމްލަ ހިސާބުގެ ފަރަގެއް އުޅޭ މައްސަލައެއް ތަހުގީގު ކުރާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.

"ހުރިހާ" އަށް ކަށަވަރުވެފައިވާ ގޮތުގައި 2019 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާގެ ތެރެއިން 30،000 ޑޮލަރު ވަނީ ގެއްލިފަ އެވެ.

ޕޮލިސް މީޑިއާގެ ވަޓްސްއެޕް ގްރޫޕްގައި މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ފުލުހުން ފުރަތަމަ ބުނީ ސެޕްޓެމްބަރު 15، 2019 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާ ގުޅިގެން "ސެއިޒްކުރެވުނު" ފައިސާއާ ބެހޭގޮތުން ފާހަގަކުރެވުނު ޖުމްލަ ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެކަން ފާހަގަކުރެވިފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް ވެސް ޕޮލިސް މީޑިއާ ގްރޫޕްގައި ފުލުހުން ބުންޏެވެ.

އެކަމުގެ އެއްވެސް އިތުރު ތަފްސީލެއް ނުދެ އެވެ. އެހެންވެ، ނޫސްވެރިން ވަނީ އެކަމާ ގުޅޭގޮތުން އިތުރަށް ސުވާލުކޮށްފަ އެވެ. އެއީ ކޮން މައްސަލައެއް ކަމާއި ކިހާ އަދަދެއްގެ ފައިސާއެއްތޯ ސާފުކޮށްދިނުމަށް ނޫސްވެރިއަކު އެދުމުން އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުންޏެވެ.

އޭގެ ޖަވާބުގައި ފުލުހުން ބުނީ "30،000 ޑޮލަރުގެ ފަރަގެއް ފާހަގަކުރެވިފައިވޭ" މިހެންނެވެ. ފައިސާ ގެއްލުނު ކަމަކަށް އެއްބަހެއް ނުވި އެވެ. ނަމަވެސް "ހުރިހާ"އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ފައިސާ ވަނީ ގެއްލިފަ އެވެ. ހިސާބު ދިމާނުވާ ކަމަށް ބުނެ މީޑިއާތަކަށް މައުލޫމާތު ދެނީ މިއީ އާދައިގެ ކަމެއްގެ ގޮތުގައި އާންމުންނަށް ދެއްކުމަށް ކަމަށް ބެލެވެ އެވެ.

ނޫސްވެރިޔާ އިތުރަށް ކުރި ސުވާލާ ގުޅިގެން ފުލުހުން ދެން ބުނީ ހަލާކުވެފައިވާ ފައިސާ ވެސް ފައިސާ ބެހެއްޓިފައިވާ ތަނުން ފެނިފައިވާތީ، އެކަން ފޮރެންސިކް މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ.