ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ސީދާ ސުވާލަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހިތްހަމަނުޖެހުން ފާޅުކުރައްވައި އަޑުގަދަކުރެއްވުމުން ނަން އިއްވައި މަޖިލިސް ތަޅުމުން ބޭރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ އެޖެންޑާކޮށްފައި އޮތީ މީކާއީލް, ޚަލީލާ ކުރައްވާ ސުވާލެވެ. މީކާއީލްގެ ސުވާލަކީ ސައޫދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، މިދިޔަ މޭ މަހުގެ ކުރީކޮޅު ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ޕްރިންސް ފަހަދް ސައުދު އަލްޝަލަން އަކީ ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅެއްތޯ އާއި އެ ބައްދަލުވުމުގައި ސައޫދީގެ އެމްބަސީން ބައިވެރިނުވީ ކީއްވެތޯއާއި، ސައޫދީގެ ގުޅުމަށް އެއްވެސް އަސަރެއް ކޮށްފައިވޭތޯއެވެ.
އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި މީކާއީލް ވަނީ ކުރިން ކުރެވުނު ސުވާލަށް މިނިސްޓަރު ޖަވާބު ނުދެއްވާކަމަށް ވިދާޅުވެ ސުވާލު އަލުން ސާފުކޮށްދެއްވާފަ އެވެ. ސައުދީގައި ހިޒް ރޯޔަލް ހައިނަސް ލަގަބު އަރުވަނީ ރަސްގެފާނުގެ ދަރީންނާއި ދަރީންގެ ދަރީންނަށް ކަމަށްވާއިރު، ފަހަދު އަލް ސައުދަށް ނިސްބަތްކޮށް ހިޒް ރޯޔަލް ހައިނަސް ގެ ލަގަބު ބޭނުންކުރުމަށްފަހު ރައީސް އޮފީހުގެ ވެބްސައިޓުން ފަހުން ހަބަރުތައް ފުލެހިކަން ވެސް މީކާއީލް ފާހަގަކުރެއްވި އެވެ. އޭގެ ފަހުން ސުވާލުކުރެއްވީ ސަރުކާރުން އެކަމުގައި އަމަލުކޮށްފައި އޮތީ ރަނގަޅަށްކަމަށް ގަބޫލުކުރައްވަންތޯ އެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ކުރިން ވެސް އެ ސުވާލަށް ޖަވާބު އެރުވިއްޖެ ކަމަށެވެ. ދެން ވިދާޅުވީ ރާއްޖެއަށް އަންނަ އިންވެސްޓަރުންނާމެދު ޝައްކު އުފެދޭ ގޮތަށް އިދިކޮޅުން ވާހަކަ ދައްކާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރު އެހެން ވިދާޅުވުމުން ނިޒާމީ ނުކުތާއެއް ނަންގަވައި ފުރުސަތު ހޯއްދެވުމަށްފަހު، އެ ސުވާލަށް މިނިސްޓަރު ޖަވާބު ނުދެއްވާކަން އަނެއްކާވެސް ފާހަގަކުރެއްވުމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ހަލީލް ޖަވާބު ދެއްވި ކަމަށް ރިޔާސަތުން ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް މީކާއީލްގެ ސުވާލަށް ހަލީލުގެ ވާހަކަފުޅުގައި ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ސުވާލަށް ޖަވާބު ނުދެއްވަނީ ޖަވާބު ދެއްވައިފިކަމަށް ރިޔާސަތުން ކަނޑައެޅުއްވުމުން މީކާއީލް ގެންދެވީ އެކަމުގައި އިހުތިޖާޖުކުރައްވައި ރިޔާސަތާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އެކަން ހުއްޓާލުމަށް ރިޔާސަތުން އެންގުމުން ވެސް ހުއްޓާނުލައި އިހުތިޖާޖު ކުރައްވަމުން ގެންދެވީތީ މީކާއީލްގެ ނަން އިއްވައި މަޖިލީހުގެ ޖަލްސާއިން ނެރެލީ އެވެ. އޭނާ ތަޅުމުން ނެރުނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އެވެ.
އޭގެ ފަހުން ވެސް މީކާއީލް އަޑުގަދަކުރައްވަމުން ގެންދެވުމުން، ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގަތުމަށް ފަހު އަބްދުއްރަހީމް ވަނީ މީކާއީލްގެ ނަން އެންމެ ފަހުން އިއްވައިފައެވެ.
މީކާއީލް މި ސުވާލު މިނިސްޓަރު ޚަލީލާ ކުރެއްވުމަށް ހުށަހެޅުއްވީ މިދިޔަ ޖޫން މަހުއެވެ. ޖަވާބުދާރީވުމަށް މަޖިލީހުގެ ޖަލްސާއަށް ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް މަސައްކަތެއް އޮތުމުން ކަމަށް ވިދާޅުވެ ޚަލީލް އެ ދުވަހު މަޖިލީހަށް ވަޑައެއް ނުގަންނަވައެވެ.
ރައީސް މުއިއްޒާއި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ" ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޚަބަރެއް ޝާއިއުކުރީ މެއި މަހުގެ ފަސްވަނަ ދުވަހެވެ.
ނަމަވެސް، އެ ބައްދަލުވުމާ ބެހޭގޮތުން ރައީސް އޮފީހުގައި ޝާއިއުކުރި ޚަބަރު ގެއްލިފައިވާކަން މީޑިއާތަކުގެ ސަމާލުކަމަށް އައީ މެއި މަހުގެ 30ވަނަ ދުވަހެވެ.
އޭރު އެ ޚަބަރު އާންމުކުރުމާ އެކު ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެ މީހާއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަމަށާއި އެއީ ޕްރިންސް އެއް ނޫން ކަމަށް ގިނަ ބަޔަކު ބުންޏެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އެއީ 'ސްކޭމަރެއް' ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑުވިދާޅުވެފައެވެ.