ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ ޕާސްޕޯޓް ދޫނުކުރަން ފުލުހުން ލަފާދީފިއެވެ.

ސައީދުގެ މައްޗަށް ދައުލަތުން ކޮރަޕްޝަންގެ ދެ ދައުވާއެއް އުފުލާފައިވެ އެވެ. އޭނާ ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމަށް ބޭނުންވާތީ ޕާސްޕޯޓް ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.

ޕިޖީ އޮފީހުން ވަނީ އެކަމަށް އިއުތިރާޒެއް ނެތް ކަމަށް ވެސް ކޯޓަށް އަންގާފަ އެވެ.

ނަމަވެސް ފުލުހުން ފޮނުވާފައިވާ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް އެ ނިންމުން ބަދަލުކޮށް، އޭނާ ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ނުދޭން ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ނަމަވެސް ފުލުހުން ފޮނުވި އިންޓެލިޖެންސް ރިޕޯޓްގެ ތަފްސީލެއް ހާމައެއްނުކުރެ އެވެ.

ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދެ ދައުވާ އެކެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.