ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ނޫސްވެރިން ތިބި ޓެންޓަކަށް ހަމަލާދީ، އަލްޖަޒީރާ ނޫހުގެ ފަސް ނޫސްވެރިން ޝަހީދުކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ރޭގެ ވަގުތެއްގައި އިސްރާއީލުން އެ ހަމަލާދީފައިވަނީ ނިރުބަވެރިން ހިސޯރުކުރުމަށް ނިންމާފައިވާ ޣައްޒާ ސިޓީގެ އަލްސިފާ ހޮސްޕިޓަލުގެ މައިދޮރާއި ދިމާލުން ބޭރުގައި ޖަހާފައިވާ ޓެންޓަށް އަމާޒުކޮށްގެންނެވެ.

ޔަހޫދީންގެ މި ހަމަލާގައި ޖުމްލަ 7 މީހުން ޝަހީދުކޮށްލާފައިވާއިރު، މީގެ ތެރޭގައި އަލްޖަޒީރާގެ 5 ނޫސްވެރިން ހިމެނެއެވެ. އެއީ މަޝްހޫރު ނޫސްވެރިޔާ އަނަސް އަލް-ޝާރިފް، މުހައްމަދު ގުރައިޣާ، ކެމެރާމަނުން ކަމަށްވާ އިބްރާހިމް ޒާހިރު، މުހައްމަދު ނައުފަލްގެ އިތުރުން މުއުމިން އަލީވާއެވެ.

ޝަހީދުވުމުގެ ކުރިން އުމުރުން 28 އަހަރުގެ އަނަސް ވަނީ ނިރުބަވެރިން ޣައްޒާ ސިޓީގެ އުތުރާއި އިރުމަތީގެ ސަރަހައްދުތަކަށް ވަރުގަދަ ހަަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް "އެކްސް"ގައި ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި އިސްރާއީލުގެ އެ ހަމަލާއަކީ "ފަޔާ ބެލްޓްސް" އެވެ.

އަނަސް އަކީ ޔަހޫދީ ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ފަހުގެ މައުލޫމާތު ވެސް ހިއްސާކުރަމުން ދިޔަ ނޫސްވެރިއެކެވެ.

އަލްޖަޒީރާގެ ގިނަ ނޫސްވެރިންތަކެއް ޝަހީދުކޮށްލާފައި ވާއިރު، އިސްރާއީލުން ވަނީ މި ހަމަލާދިން ކަމަށް އެއްބަސްވެފަ އެވެ. ނިރުބަވެރިން ބުނި ގޮތުގައި އެ ހަމަލާ އަކީ ސީދާ އަލް ޖަޒީރާގެ ނޫސްވެރިޔާ އަނަސްއަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އިސްރާއީލުން ބުނީ އަނަސް އަކީ އޭނާ ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތާއި ގުޅިގެން މަސައްކަތް ކުރާ ނިރުބަވެރިއެއް ކަމަށާއި ހަމަލާދިނީ އެހެން ވެކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން 2023 ވަނަ އަހަރުން ފެށިގެން މިހާހިސާބަށް ޔަހޫދީންގެ ހަމަލާތަކުގައި ގާޒާގައި 186 ނޫންވެރިން ވަނީ ޝަހީދުކޮށްލާފަ އެވެ.