90ގެ އަހަރުތަކަކީ ފެޝަންގެ ދުނިޔެއަށް ބޮޑު އިންގިލާބެއް އައި އަހަރުތަކެއް ކަމުގައި ބުނެވިދާނެ އެވެ. އެ ދުވަސްވަރުގެ ރެޓްރޯ ލުކްތަކުން ފެށިގެން ކެޝުއަލް އައުޓްފިޓްތަކަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވައިގައި ހިފި ޓްރެންޑްތަކެކެވެ.
އެގޮތުން 90ގެ ފިލްމް ކެރެކްޓަރުންނާއި ޕްރިންސަސް ޑައާނާ އަދި ޖެނިފާ ލޮޕޭޒްއަކީ އޭރުގެ ފެޝަން އައިކަންގެ ގޮތުގައި ބެލެވުނު ތަރިންނެވެ. 90ގެ އެ ފެޝަން ކޮންމެވެސް ވަރަކަށް ފަނޑުވެފައި އޮތުމަށްފަހު އަލުން މިވަނީ ވައިގައި ހިފަން ފަށާފަ އެވެ.
1. ސްޕޯޓްސް ޖާޒީ
90ގެ އަހަރުތަކުގައި ބޭގީ ޖީންސްތަކާއެކު ސްޕޯޓްސް ޖާޒީ ބޭނުން ކުރުމަކީ ޒުވާނުންގެ މެދުގައި އާއްމު ކަމެކެވެ. މިހާރަކަށް އައިސް ކޮންމެވެސް ވަރެއްގެ ބަދަލުތަކަކާއެކު މި ފެޝަން ވެސް ފެންނަމުންދެ އެވެ.
2. ޕްލެއިޑް ފެޝަން
ގޮޅިޖެހި ގަމީހާއި ފަޓުލޫނުގެ އިތުރުން ސްކާޓްތަކަކީ ވެސް 90ގެ އަހަރުތަކުގައި ހަމަ ކޮންމެ މީހެއްގެ އަލަމާރިން ވެސް ފެންނަ ބާވަތްތަކެކެވެ. މިއަދު ޗަންކީ ބޫޓުތަކާއެކު ގޮޅިޖެހި ފެޝަން ބޭނުން ކުރުމަކީ އެންމެ "ޓްރެންޑީ ފެޝަން" އެވެ.
3. ބެންޑާނާސް
އިސްތަށިގަނޑުގައި އަޅާ މި ރުމާ ފޮތިކޮޅަކީ 90ގެ މަޝްހޫރު ތަރިން އާއްމުކޮށް ބޭނުން ކުރާތީ ފެނުނު އެއްޗެކެވެ. މިއަދު ބެންޑާނާސް ފެންނަނީ ކްރޯޗެޓް ފަދަ ތަފާތު މެޓީރިއަލްތަކުން އުފައްދާފައި ވަނިކޮށެވެ.
4. ކެޕްރީ ޕޭންޓްސް
2000ގެ އަހަރުތަކުގައި މަޝްހޫރުވި ނަމަވެސް ކެޕްރީ ޕޭންޓްސްގެ ފެށުމަކީ 90ގެ ފަހުކޮޅެވެ. ދިވެހިންގެ މެދުގައި ވެސް އެއް އިރެއްގައި މަގުބޫލުވި "ނިކަބޮކަ" ފެޝަން މިހާރަކަށް އައިސް ފެޝަން ރަންވޭތަކުން ފެންނަމުންދެ އެވެ.
5. ޑަބަލް ޑެނިމް
ޑެނިމްއަކީ އެއް އިރެއްގައި ވެސް ފޫހިނުވި ފެޝަން އެކެވެ. އެހެން ނަމަވެސް ޑެނިމް ޖިންސްތަކާއެކު ޑެނިމް ޖެކެޓުތައް ބޭނުން ކުރުން މަދުވެފައި އޮތުމަށްފަހު އަލުން އެ ޓްރެންޑް ފެންނަން ވަނީ ފަށާފަ އެވެ.