ފާއިތުވީ 15 އަހަރުގެ ތެރޭގައި ޓެކުހުގެ ގޮތުގައި އެންމެ ގިނައިން މީރާއަށް ފައިސާދައްކައިފައިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން "ރަންފަނަރަ" އެވޯޑްނަމުގައި ޚާއްސަ އެވޯޑެއް، 15 ފަރާތަކަށް ދީފި އެވެ.

މި އެވޯޑު ދީފައިވަނީ މީރާގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މި އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ އެ ހަފްލާގެ ޝަރަފުވެރި މެހެމާން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

މި އެވޯޑު ލިބިފައިވާ ފަރާތްތަކަކީ ބޭންކް އޮފް މޯލްޑިވްސް އާއި ދިރާގާއި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާއި އިތާފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި އުރީދޫ މޯލްޑިވްސް އާއި ގަތަރު އެއާވޭސް ގުރޫޕާއި ރީތި ރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި އެސްޓީއޯ އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް ޕްރައިވެޓް ލިމިޓެޑާއި ޔުނިވާސަލް އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑް އަދި ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްއެވެ.

މި ފަރާތްތަކީ 1 ޖަނަވަރީ 2011 އިން ފެށިގެން 30 ޖޫން 2025 ގެ ނިޔަލަށް ޓެކްސްގެ ގޮތުގައި މީރާއަށް އެންމެ ގިނަ އަދަދަކަށް ފައިސާދައްކައިފައިވާ ފަރާތްތައް ކަމަށް އެ އިދާރާ އިން ބުންޏެވެ.

މީރާއިން އަމަލުކުރަމުންދާ އާންމު އުސޫލާ އެއްގޮތަށް ރަންފަނަރަ އެވޯޑް ދިނުމުގައިވެސް ބަލާނެ މިންގަނޑުތަކާއި އަމަލުކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައި އާންމުކޮށްފަ އެވެ. އަދި މި ފަރާތްތަކުން ދައްކައިފައިވާ ފައިސާގެ އަދަދު މީރާއިން ހާމަކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ހަފްލާގައި މީރާގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، 10 އަހަރު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި 15 އަހަރު ޚިދުމަތް ކޮށްފައިވާ މުވައްޒަފުނަށް ޚާއްސަ އެވޯޑް ދީފައިވެއެވެ. އަދި ހަމައެއާއެކު ފާއިތުވީ އަހަރުގެ މީރާގެ 'ސްޓާފް އޮފް ދަ އިޔަރ' ހޮވައި އެ ފަރާތަށްވެސް އެވޯޑްދީފައިވެ އެވެ.