ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސް ވެރިކަން ކުރާ ޕާޓީ ޕީއެންސީ ޕީޖީ ގުރޫޕުގެ މެމްބަރުންތަކެއް ރައީސް މުހައްމަދު މުއިއްޒާއި ދެކޮޅަށް ނުކުންނާނެ ކަމަށް ވިދާޅުވެ އެކްސްގައި ކުރި ޕޯސްޓާ ގުޅިގެން އިތުރު ހާޖާނުތަކެއް ޕީއެންސީ ތެރޭގައި އުފެދިފައިވާ ކަން ހާމަވެއްޖެ އެވެ.

ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި، ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވާ ގައުމާއި، ރައްޔިތުންގެ ހައްގުގައި ޕީއެންސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެ ކަމީ ޔަގީން ކަމެއް ކަމަށް އެމްޑީއޭ މެންބަރު އައްބާސް މީދެ ތިން ދުވަސް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޕީއެންސީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި މެންބަރުންގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލާފައިވާ ކަމަށާއި ބައެއް މެންބަރުން ވަނީ ސަރުކާރުން ގެންގުޅޭ ނުރަގަޅު ސިޔާސަތުކަށް ބަސް ނުބުނެ އަބަދު މަންމަނުވެފައި ނުތިބެވޭނެ ކަމަށް ފާހަގަކުރައްވާފައިވާ ކަމަށް އައްބާސް ވިދާޅުވެފައިވެ އެވެ.

ހަމަ އެހެންމެ ގައުމާއި ރައްޔިތުންގެ ހައްގުގައި ހައްގުބަސް ބުނަން ނިކުންނާނެ ކަމަށް އެ މެމްބަރުން ވިދާޅުވާ ކަމަށް ވެސް އައްބާސް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް މުއިއްޒު ދެކިވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ މަޖްލީސްގެ މެންބަރުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ދެކިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކުއްލި ކުއްލި ކަންކަން ކުރައްވާ ތަން ބަލަން ނުތިބޭނެ ކަމަށް ވެސް މެމްބަރުން ވިދާޅުވާ ކަމަށް އައްބާސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މެމްބަރުންނާއި މަޝްވަރާ ކުރުމެއް ނެތި ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ކުއްލި ކުއްލިއަށް މަޖްލިސްއަށް ހުށައަޅުއްވާ ބިލަތަކަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ގިނަ މެންބަރުން ބުނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްބާސްގެ މި ޓްވީޓާއެކު މުޅި ޕީއެންސީ ތެރޭގެ މަސްލަހަތު އޮތީ ގޯސްވެފަ އެވެ. މުޅި ޕީއެންސީއަށް ވަނީ މިކަމުގެ ލޮޅުން އަރާފަ އެވެ. ނަތީޖާއެއްގެ ގޮތުން އައްބާސްއަށް އަމާޒުކޮށް ބައެއް ސިޔާސީ ފަރާތްތަކުން ވަނީ އައްބާސްއަށް އިންޒާރުދީ ޕޯސްޓުތައް ވެސް ސޯޝަލް މީޑިއާގައި ހިއްްސާކޮށްފަ އެވެ.

އައްބާސް ނިޒާމުން ގެއްލުވާލާނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނީ ފިޝަރީޒް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެއްކްޓަރެއްގެ މަގާމުގައި ހުންނެވި އައްސަދު ސައީދުގެ ފޭސްބުކް އެކައުންޓު މެދުވެރިކޮށެވެ. ނަމަ ވެސް އޭނާ ވަނީ ފަހުން އައްބާސް އަށް އިންޒާރުދީ ކުރި މި ޕޯސްޓު ޑިލީޓްކޮށްފަ އެވެ.

މީގެ އިތުރުން ދެން ފެނިގެން ދިއައީ އައްބާސް ދެއްކެވި ވާހަކަތައް ދޮގުކުރައްވާ މަޖިލިސް ރައީސް ކުރެއްވި ޓުވީޓެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އައްބާސްގެ ވާހަކަތައް ދޮގު ކުރަމުން ވިދާޅުވީ، ޕާލިމެންޓަރީ ގްރޫޕްގެ އެ ބައްދަލުވުމުގައި އޭނާ ވެސް އިންނެވި ކަމަށާއި، "މިއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަ ތަކެއް،" ކަމަށެވެ.

މީގެ އިތުރުން މެމްބަރު އިބްރާހިމް ފަލާހު އާއި އަބްދުﷲ ރިފާއު (ބޮޗޭ) ވެސް ވަނީ އައްބާސް ދެއްކި ވާހަކަތައް ދޮކުރައްވައި ޓުވީޓްކޮށްފަ އެވެ. މިތަނުން އެންމެ ބޮޑުވަރު ވެފައި ވަނީ ބޮޗޭ އައް ކަމަށް ބެލެވެ އެވެ. އައްބާސްގެ އެ ވާކަހަތަކާ ގުޅިގެން ބޮޗޭ އަންނަނީ ކޮންމެ ގަޑިއަކުން އެއްފަހަރު އެ ވާހަކަތަކަށް ރައްދުދެމުންނެވެ. އަދި އައްބާސްގެ ބޮލުގައި ތުހުމަތުތަކެއް ވެސް އަޅުވާފައި ޓުވީޓުތައް ކޮށްފައިވެ އެވެ.

ޕީއެންސީ ޕީޖީ ގުރޫޕުގެ މެމްބަރުންގެ ބައްދަލުވުމުގެ ތެރޭގައި ހިނގާދިއަ ހާޖާނުތަކުގެ ވާހަކަތައް އައްބާސް ތިލަކޮށްލިއިރު، އެކަމާ ދެކޮޅު ހަދައި ޕީއެންސީ މެމްބަރުން އެވާހަތައް ދޮގުކުރި ނަމަވެސް "ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ޕީއެންސީން މިހާރު ވަނީ އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް އައްބާސް އާ ހަމައަށް ދިޔައީ ކިހިނެތްތޯ ބަލައި ތަހުގީގުކުރަން ފަށާފަ އެވެ.

ޕީއެންސީގެ ސީނިއަ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އައްބާސްގެ އެ ވާހަކަތަކާ ގުޅިގެން މުޅި ޕީއެންސީ ތެރޭގައި އޮތީ ހާޖާނު ބޮޑުވެފައި ކަމަށެވެ. އެގޮތުން އައްބާސްއަށް އެ ބައްދަލުވުމުގެ މައުލޫމާތު ދިން މީހެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ ސީނިއަ ބޭފުޅާ ވިދާޅުވީ ހަމަނުޖެހުމާއި، ހާޖާނު އޮތީ ހަމައެކަނި ޕީއެންސީ ޕީޖީ ގްރޫޕުގެ ތެރޭގައި އެކަނި ނޫން ކަމަށާއި ސަރުކާރުގެ ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ބޭފުޅުންގެ މެދުގައި އެހާމެ ކޯޅުން ބޮޑު ކަމަށެވެ. އަދި އައްބާސް ވިދާޅުވި ގޮތަށް ޕީއެންސީ ތެރެ ދާދި އަވަހަށް ރޫޅިގެން ދިއުމަކީ ގާތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.