މިފަހުން ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ޕެންޑެމިކް، ކޮވިޑް 19ގެ ވެކްސިންގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމަށް މާހިރުން އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.

އިންޑިއާގެ އާޝްލޮކް ހޮސްޕިޓަލުގެ ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަޝޯކް ޗޯޕްރާ ވިދާޅުވީ މި ފަހަކަށް އައިސް ހާޓް އެޓޭކް ޖެހުން އިތުރުވުމާއި ކޮވިޑް ވެކްސިންއާ ގުޅުމެއްވާ ކަމަށެވެ.

އިންސްޓަގްރާމްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޑރ. އަޝޯކް ވިދާޅުވީ އާއްމު ގޮތެއްގައި ވެކްސިންތަކަކީ އެތައް އަހަރަކުން އުފައްދާ އެއްޗެއް ކަމަށާއި އެހެން ނަމަވެސް ކޮވިޑް 19ގެ ވެކްސިން ވުޖޫދަށް އައީ ހަމަ ކުއްލިއަކަށް ކަމަށެވެ.

އެހެން ކަމުން އެ ވެކްސިންގައި ފުރިހަމަނުވާ ކަންތައްތަކެއް ހުންނާނެކަން ފާހަގަކުރަމުން އެ ވެކްސިނަށް އަޅާ އެކި މާއްދާތަކުގެ ސަބަބުން ވަގުތީ ފައިދާތަކެއް ލިބޭ ކަމަށް ޑރ. އަޝޯކް ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް ދިގު މުއްދަތުގައި އެފަދަ ވެކްސިންތަކުން އިންސާނުންނަށް ގެއްލުން ލިބޭ ކަމަށާއި އެ ގެއްލުންތަކަކީ އުމުރުން ދުވަސްވާ ވަރަކަށް ފެންނާނެ ގެއްލުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ކޮވިޑް ވެކްސިނަށްފަހު ހިތުގެ ބަލިތައް އިތުރުވެފައިވާ ކަމަށާއި އެކަމުން އަދިވެސް އަރައިނުގަނެވޭ ކަމަށް ޑރ. އަޝޯކް ވިދާޅުވި އެވެ.

ކޮވިޑް ވެކްސިންގެ ސަބަބުން ދިގު މުއްދަތުގެ ސިއްހީ މައްސަލަތައް ނުކުންނަ ކަމަށް މީގެ ކުރިން ވެސް ވާހަކަ ދެކެވިފައިވާއިރު ވެކްސިން އުފައްދާ ކުންފުނިތަކުން ވަނީ އެކަން ދޮގުކޮށްފަ އެވެ.