ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ނިޒާމުން ގެއްލިދާނެ ކަމަށް ބުނެ ސިޔާސީ މަގާމެއްގައި ހުރި މީހަކު އިންޒާރު ދީފި އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ސަރުކާރާ މެދު ހިތްހަމަނުޖެހި ޕާޓީ ދޫކޮށްލަން އުޅުއްވާ ކަމަށް އައްބާސް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

މެންބަރު އައްބާސްއަށް އިންޒާރު ދީފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުރި އަސްއަދު ސައީދު އެވެ.

އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އައްބާސް ޑަސްބިނަކަށް ލާފައި ބޯމަތީގައި ޑިލީޓް ބަޓަނެއް އިން ފޮޓޯއަކާއެކު ބުނެފައިވަނީ "ދަލު ބޭރުން ޖެހިގަނެގެން ނުބެހޭހާ ކަމަކާ ބެހިގަނެގެން ތިޔަހެން އުޅެނިކޮށް އަމިއްލަފުޅަށް އަރުވާލެވިގެން ނިޒާމުގެ ތެރެއިން ގެއްލިވަޑައިގެން ފިލާ އޮންނަވަން ޖެހިވަޑައިނުގަންނަވަނީސް އަމިއްލަފުޅަށް ތިމާގެ އަސްލު ސައިޒަށް ތިރިވެލައްވާ" އެވެ.

މިކަމާއި ގުޅިގެން އައްބާސް ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެ އަޅުގަނޑުގެ ފުރާނައަށް ނުވަތަ ނަފުސައް ގެއްލުމެއް ދޭނެ ކަމުގެ ބިރުވެރި އިންޒާރަކަށް ވުމުން މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށައަޅަން އަޅުގަނޑު ނިންމައިފިން" އައްބާސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.