ބުޅަލަކީ ލޯބި ޖަނަވާރެއް. އޭތީގެ ގައިގަ އިންސާނުންނާ ނުގުޅޭ ގިނަ ކަންތައްތަކެއް ހިމެނޭ. އޭތީގެ ސަބަބުން ވައި ނުސާފުވުމުން އެލާޖިކް މައްސަލަ ހުންނަ ފަރާތްތައްކަށް ސިއްހީ ގިނަ މައްސަލަތަކެއް ދިމާވޭ. ބުޅާ ގޮސް އުޅޭ ކޮންމެ މާހައުލަކުން އޭތީގެ ގަޔަށް ތަފާތު ފަނިފަކުސާ އަރާ. އޭގެ އިތުރުން ބުޅާ ނިދާ ގަޑިއާއި އިންސާނުން ނިދާ ގަޑިއާ ދިމާނުވެއްޖެ ނަމަ، އިންސާނުން ރަނގަޅަށް އަރާމު ކޮށްލުމުގައި އުނދަގޫތަކެއް ހިމެނޭ.

އިންސާނުން ބުޅާ ގެންގުޅެން ފެށިތާ އެތައް ސަތޭކަ އަހަރެއް ވެފައިވާއިރު، އާންމުގޮތެއްގައި އެ ޒަމާނުގައި ބުޅާ ގެންގުޅުމުގެ މައިގަނޑު ބޭނުމަކަށްވެފައި ވަނީ ގޭތެރޭގައި އުނދަގޫކުރާ މީދާ ކޮންޓްރޯލްކުރުމެވެ. އޭގެ ޒަމާންތަކަކަށް ފަހު ބުޅަލަކީ ލޯބިދީގެން ގެންގުޅެވޭ ޖަނަވާރަކަށްވި އެވެ. ވަކި ޚާއްސަ ކާނާއެއް ކާންދީގެން ޚާއްސަ ބޭސްފަރުވާދީގެން ބަލަހައްޓައި އާއިލާގެ މެންބަރެއްގެ ގޮތުގައި ދެކިގެންނެވެ.

ކެހެރި ދިގު ބުޅަލެއް: ބުޅަލުގެ ސަބަބުން އެލާޖިކްވޭ

މިކަމަކީ އެގެންގުޅޭ ފަރާތްތަކަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ވެސް ލިބޭ ކަމަކަށްވި އެވެ. އޭގެ އަނެއްކޮޅުން މިނިވަންކަމާއެކު ދިރިއުޅުމަށް މިޒާޖުގައި ލައްވާފައިވާ މިބުޅާ އިންސާނުންގެ ފަރާތުން ލިބޭ ގާތް ކަމަށް ހޭނެން ފެށި އެވެ. އެހެން ނަމަވެސް ބުޅަލުގައިގައި އޮޅުލައި ހެދުމުގައި ވިސްނާލުން މުހިންމު ކަންތައްތަކެއްވެ އެވެ. ތިރީގައި މިފާހަގަކޮށްލަނީ ބުޅާ ގެންގުޅުމުގައި ހަނދާން ބަހެއްޓުން މުހިންމު ބައެއް ކަންކަމެވެ.

ބުޅަލުގެ ކެހެރިން އެލާޖިކްވޭ

ރީތި ބުޅަލެއް: ބުޅަލުގެ ކެހެރިއަށް ހިރަފުސް އަދި ތަފާތު ފަނިފަކުސާ އަރާ

ބުޅަލުގެ ކެހެރިއަކީ ނޭވާ ހިއްލާ ބަލިހުންނަށް އެބަލީގެ މައްސަލަ އަވަސް އަވަހަށް ޖެހުމަށް މެދުވެރިވެދާނެ އެއްޗެކެވެ. އެއީ ބުޅަލުގެ ގައިން ނެއްޓޭ ކެހެރި ވައި ތަޣައްޔަރު ކުރާނެކަމުގެ ބިރު އޮތުމުންނެވެ. އެކަމަށްޓަކައި ބުޅާ ނިދާ ކޮޓަރިއަށް ވަނުމާއި އެނދަށް އެރުން ހުއްޓުވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އަވަސްއަވަހަށް ސާފުކޮށް ބެހެއްޓުން ވަރަށް މުހިންމެވެ. މި ސަބަބަށްޓަކައި ޑޮކްޓަރުން ލަފާދެއްވަނީ ނޭވާހިއްލާ މީހުން އުޅޭ ގޭގޭގައި ބުޅާ ނުގެންގުޅުމަށެވެ.

ބުޅަލުގެ ސަބަބުން ނިދި ހަލާކުވޭ

ބުޅާ ނިދާ ގަޑިއާއި އިންސާނުން ނިދާ ގަޑި ދިމާ ނުވުމަކީ ގޭތެރޭގެ ހަމަހިމޭން ކަމަށް ބުރޫ އަރާފާނެކަމެކެވެ. އިންސާނުން 7 ނުވަތަ 8 ގަޑިއިރު ނިދާއިރު ބުޅާ އާންމުކޮށް 15 ގަޑިއިރު ނިދަ އެވެ. ދުވާލުގެ ވަގުތުގައި ބުޅާ ނިދާނަމަ، ރޭގަނޑު ހޭލާ އުޅޭއިރު ގޭތެރޭގައި ފަރުނީޗަރުތަކުން ފުންމާ އެއްޗެތި ވައްޓާ ފާރުގަ އާއި އެހެނިހެން ތަންތާންގައި އޭތީގެ ވަކި ހާކާ ހެދުމުގެ ސަބަބުން ގޭތެރޭގެ ހަމަހިމޭން ކަމަށް ބުރޫއަރާނެ އެވެ. އަދި އެ ގެއެއްގައި ނިދާފައި ތިބޭ މީހުންނަށް ފުރިހަމަ އަރާމު ނިދި ލިބުމުން މަހުރޫމުވާނެ އެވެ.

ރީތި ބުޅަލެއް: ސިއްޚީމާހިރުން ލަފާދެއްވަނީ ބުޅާ ގެންުގުޅުމުގައި ފަރުވާތެރި ފިޔަވަޅު އެޅުމަށް

ބުޅަލުގެ ކެހެރީގައި ގިނަ އަދަދަކަށް ސެއްޅި އަދި އެހެނިހެން ފަނިފަކުސާ ފޮރުވިފައިވޭ

ބުޅަލާ ގައިގޯޅި ވެވޭ ނަމަ އެ ގައިގޯޅި ވެވެނީ އެތައް ފަނިފަކުސާއަކާ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެ އެވެ. ބުޅަލުގެ ކެހެރިތަކުގައި އޭތި އުޅޭ މާހައުލުން ތަފާތު ފަނިފަކުސާ އަރަ އެވެ. އެއީ ޖަރާސީމެއް ނަމަ ބުޅަލުގެ ޒަރިއްޔާއިން އެ ޖަރާސީމު އެއްތަނުން އަނެއް ތަނަށް ފެތުރެ އެވެ. އޭތި ގައިގައި އުޅޭ ސެއްޅިއަކީ އިންސާނުގެ ހަށިގަނޑުގައި ދިރިއުޅޭ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް އިންސާނުންގެ ގައިގާ ހަފާ ބަލިތައް ފެތުރުމަށް އޭތި މަގުފަހިކުރެ އެވެ.

ބުޅަލުގެ ފަރާތުން އިންސާނުންނަށް ގިނަ ސިއްހީ މައްސަލަތައް މެދުވެރިކުރުވާއިރު ސިއްހީ މާހިރުން ލަފާދެއް ވަނީ ބުޅާ ގެންގުޅުމުގައި ރައްކާތެރި ފިޔަވަޅުތައް އެޅުމެވެ.