ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮކަމަށް ގައުމާއި ރައްޔިތުންގެ ހައްގުގައި ޕާޓީ ދޫކޮށްލައި، މި ސަރުކާރާއި ދެކޮޅަށް ނުކުންނާނެ ކަމަށް ޔަގީންވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުދަ ދުވަހު ބޭއްވި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާމެދު މެންބަރުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރެއްވި ކަމަށެވެ. އަދި ޕީއެންސީ ޕީޖީ ގުރޫޕުން ބޭއްވި ބައްދަލުވުމުގެ އޯޑިއޯ ރެކޯޑިންއެއް ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ސަރުކާރުގެ ކަންކަން ގޯހުން ގޯހަށް ގޮސް، ބޮއްސުންލަމުންދާއިރު އަބަދު މަންމަނުވެގެން ނުތިބެވޭނެ ކަމަށާއި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ބަސް ބުނާނެ ކަމަށް ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައެއް މެންބަރުން ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ދެކި އަދި މަޝްވަރާކުރުމެއްނެތި ކުއްލި ކުއްލި ކަންކަން ކުރާ ތަން ބަލަން ނުތިބޭނެ ކަމާއި ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ވެސް މަޝްވަރާ ކުރުމެއް ނެތި މަޖިލީހަށް ހުށައަޅާ ބިލްތަކަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި ކަމަށް އައްބާސް ވިދާޅުވި އެވެ.

ބުދަ ދުވަހަކީ ކައުންސިލްތަކުގެ ބާރު ނެގުމަށްޓަކައި، ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް މަޖިލީހުގެ ތަޅުމުން ފާސްކުރި ދުވަހެވެ. އެ ބިލް އަނބުރާ ގެންދިޔުމަށް ގިނަ ކައުންސިލްތަކަކުން ގޮވާލާފައި ވާއިރު، އެ ބިލް އަދި ތަސްދީގެއް ނުކުރައްވަ އެވެ.

ރަށްރަށުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިނގާތީވެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

"ދާއިރާ ތަކުގެ ތަރައްގީ އެއްވެސް މިންވަރަކަށް ނުހިނގާ ކަމާއި މޮޅެތި ބަސްތައް ވިދާޅުވުމާއި ޕްރޮޖެކްޓުތައް އިއުލާން ކުރެއްވުމާއި ބިންގާ އެޅުން ނޫން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ރުޅިގަދަވެ މާޔޫސްވެފައި ތިބިކަމަށް މެންބަރުން ޕީޖީ ގްރޫޕް ބައްދަލުވުމުގައި ވިދާޅުވި،".
އައްބާސް ލިޔުއްވާފައިވެ އެވެ

އެ ބައްދަލުވުމުގައި އެންމެބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި މެންބަރަކީ، އައްބާސް ވިދާޅުވި ގޮތުގައި ފުވައްމުލަކު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ހުސައިން އެވެ. އޭގެ އިތުރުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކުގެ އުދާސްތައް ވެސް ބަންޑުންކޮށްލި ކަމަށް ބުނެ އެވެ.

އައްބާސްގެ އެ ވާހަކަ ހުސްނީ މުބާރަކު ދޮގުކުރެއްވުމުން އައްބާސް ވިދާޅުވީ ބައްދަލުވުމުގެ ރެކޯޑިން އެބަ އޮތް ކަމަށެވެ.

ހަމަ އެހެންމެ މަނަދޫ ދާއިރާގެ އިސްޒަތްތެރި މެންބަރު ހުސްނީގެ އުދާސްތަށް ބޭރުކޮށްލަމުން ވިދާޅުވެފައި ވަނީ މިގޮތަށް މިކަން ތަކުރާރު ކުރައްވާ ނަމަ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އަދި ރައީސް މުހައްމަދު މުއިއްޒުގެ މަކަރުވެރި ސިޔާސަތުގެ ދަށުން ރައްޔިތުން މަޖުލީސްގެ މެންބަރުންގެ ގޮޑި ގެއްލޭ ގޮތަށް އިސްލާހު ހުށައަޅުއްވާ ފާސްކުރައްވާފައި ވަނީ ރައްޔިތުންގެ މަޖްލީސްގެ މެންބަރުންގެ ބާރުކަނޑުވާލުމުގެ ނިޔަތުގައި ކަމަށް ގިނަ މެންބަރުން ތަކުރާރުކޮށް ވިދާޅުވި ކަމަށް އައްބާސް ވިދާޅުވެފައިވެ އެވެ.

ބުދަ ދުވަހުގެ ބޭއްވުނު ޕީޖީ ގްރޫޕްގެ މެންބަރުންގެ ކަންބޮޑުވުންތައް ހުރިވަރުން ބައްދަލުވުން ވަރަށް ހޫނުވެގެން ދިއުމުގެ ސަބަބުން ބުރާސްފަތި ދުވަހު ޕީޖީ ގްރޫޕްގެ އިތުރު ބައްދަލުވުމެއް ބާއްވަވާނެކަމަށް ވިދާޅުވި ނަމަވެސް ނުބާއްވާކަން ޕީއެންސީގެ މެންބަރުން ވިދާޅުވި ކަމަށް ވެސް އައްބާސް ވިދާޅުވެފައިވެ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން 75 މެންބަރުންނަކީ ޕީއެންސީ އެވެ.