ޖަޕާނަކީ ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރީތި ގައުމެކެވެ. އެ ގައުމުގެ ގުދުރަތީ ރީތިކަމާއި ސިފަތަކަކީ އެ ގައުމަށް އެތައް ހާސް ފަތުރުވެރިން ޒިއާރަތްކުރާ މައިގަނޑު އެއް ސަބަބެވެ.
އެގޮތުން ޖަޕާނުގެ ޗެރީ ބްލޮސޮމްސް މޫސުމަކީ ގިނަ ބައެއްގެ ސަމާލުކަން އެގައުމަށް ލިބޭ އެއް މޫސުމެވެ. ގަސްގަހުގައި ޗެރީ ބްލޮސޮމްސް ފޮޅިފައި ހުންނައިރު ފެންނަ މަންޒަރު ވަރަށް ވެސް ޗާލެވެ.
އެހެން ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ ޗެރީ ބްލޮސޮމްސްގެ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ޖަޕާނަށް ޒިއާރަތްކުރާ އެތައް ބައެއްގެ މެދުގައި މަގުބޫލު އެހެން ތަނެއްގެ ވާހަކަ އެވެ.
އެއީ ހިޓްސުޖިޔާމާ ޕާކް ނަމަކަށް ކިޔާ ބަގީޗާ އެކެވެ. އެ ބަގީޗާއަށް ފަތުރުވެރިންގެ ލޯތައް ހުއްޓޭ ސަބަބުތައް ބައިވަރެވެ. އޭގެ ތެރެއިން ވެސް ދުރުދުރަށް ފެތުރިފައިވާ ޕިންކް މޮސް މަލުގެ ސަފުތަކަކީ ބަލާލަން ރީތި އެހާމެ ހިތްގައިމު މަންޒަރެކެވެ.
ޕިންކް މޮސްއަކީ ޖަޕާނުގެ އެކި ހިސާބުތަކުން ފެންނަ މަލެއް ނަމަވެސް އެމަލުގެ ރީތިކަން އިތުރަށް ފެނިގެންދަނީ ބޮޑު ސަރަހައްދެއްގައި ގާތްގާތުގައި ހުރުމުންނެވެ.
އެގޮތުން ޖަޕާނުގެ ޗިޗިބޫ ސަރަހައްދުގައި ހުންނަ ހިޓްސުޖިޔާމާ ޕާކްއަކީ މިގޮތަށް ބޮޑު ސަރަހައްދެއްގައި ޕިންކް މޮސް ހައްދާފައި ހުންނަ މަދު ތަންތަނުގެ ތެރެއިން ތަނެކެވެ.
ފިޔާތޮށްޓާއި ދަނބުކުލައަކަށް ދާ މަލުގެ ވާދީތަކުން މުޅި ތަން ޖަރީވެފައި ހުންނައިރު އެ މާތަކުގެ މެދުގައި ފޮޓޯ ނެގުމަކީ އެތަނަށް ޒިއާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ކަމެކެވެ.
ބަހާރު މޫސުމުގެ ފަހުކޮޅު، އޭޕްރިލް މަހާއި މެއި މަހު މާތައް އޭގެ އެންމެ ފުރިހަމައަށް ފޮޅޭއިރު އެއީ އެތަނަށް ދާން އެންމެ ކަމުދާ ދުވަސްވަރެވެ.
ޕިންކް މޮސްގެ އިތުރުން ވެސް ޓިއުލިޕްއާއި ޗެރީ ބްލޮސޮމްސް އަދި ޕްލަމްސްއަކީ ވެސް ހިޓްސުޖިޔާމާ ޕާކުން ފެންނަ ހުރި މާ ތަކެކެވެ.
ޖަފާނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ މީހުންގެ ހުވަފެނީ މަންޒިލަކަށް ވާއިރު ޖަޕާނަށް ދާން ވިސްނާނަމަ މި ޕާކަށް ދިއުމަކީ ދަތުރު އިތުރަށް ފުރިހަމަވާނެ ކަމެކެވެ.