ޑްރަގް އޯވާޑޯޒްވުމާއި އެޑިކްޝަންގެ ވަބާއިން އަރައިގަތުމަށް ކުރި މަސައްކަތް މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އެމިނެމް ހިއްސާ ކޮށްފި އެވެ.

އެމިނެމްގެ އަމިއްލަ ޑޮކިއުމެންޓްރީ "ސްޓޭންސް"ގައި އޭނާ ވަނީ އެޑިކްޝަން ތަހައްމަލުކުރި ގޮތާއި އެކަމުން އަރައިގަންނަން ކުރަންޖެހުނު މަސައްކަތްތައް ކިޔައިދީފަ އެވެ.

90ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް އެޑިކްޝަންގެ ވަބާއާ ހަނގުރާމަ ކުރި ކަމަށާއި އެއީ އޭނާގެ ދިރިއުޅުމުގެ އެންމެ އަނދިރި ދުވަސްތައް ކަމަށް އެމިނެމް ބުނެފައިވެ އެވެ.

އެގޮތުން ޕްރިސްކްރިޕްޝަން ޕިލްތަކަށް ދެވި ހިފައި އޭގެ ސަބަބުން ސިއްހަތަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރި ކަމަށް އެމިނެމް ބުންޏެވެ.

"ޑިޕްރެޝަންއިން އަރައިގަންނަށް އެކަހަލަ ބޭސްތައް ބޭނުން ކުރަންޖެހޭ ކަމަށް އަހަރެން ގަބޫލު ކުރިން. ނަތީޖާއަކަށްވީ އެއަށް އެޑިކްޓްވުން" އެމިނެމް ބުންޏެވެ.

އެމިނެމް އިތުރަށް ބުނީ އެ ދުވަސްވަރު އޯވާޑޯޒް ވެގެން އެއް ފަހަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމަށާއި ދިރިއުޅުމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަން ވިސްނުނީ އެހިސާބުން ކަމަށެވެ.

އެއާއެކު އެ ވަބާއިން ދުރުވާން އަޒުމު ކަނޑައަޅައި ހަޔާތަށް ހެޔޮ ބަދަލުތަކެއް ގެނައި ކަމަށާއި މިހާރު އެ ވަބާއިން މުޅިން ދުރުވެ ހުންނަތާ 17 ވެފައިވާކަން އެމިނެމް ފާހަގަކުރި އެވެ.

އެ ތަޖުރިބާއަށްފަހު ދިރިއުޅުން އަލުން ހަމައަކަށް އަޅުވައި ރެޕް ކުރަން ފަށަން ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް އެމިނެމް ބުންޏެވެ.