ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ބޮލީވުޑް ފިލްމު "ސައްޔާރާ" ވެގެން ގޮސްފައިވަނީ މިއަހަރު އެންމެ ކާމިޔާބު އެއް ބޮލީވުޑް ފިލްމަށެވެ.
އަހާން ޕާންޑޭއާއި އަނީތު ޕައްޑާ ލީޑު ރޯލުން ފެންނަ މި ފިލްމަކީ އެ ދެތަރިންގެ ވެސް އެންމެ ފުރަތަމަ ފިލްމަށްވާއިރު އެ ފިލްމާއެކު އެ ދެމީހުންނަށް ބެލުންތެރިންގެ ލޯބި ދަނީ އޮހެމުންނެވެ.
ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ލޯތްބާއެކު އަނީތު މިވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ބެލުންތެރިންނަށް ހާއްސަ މެސެޖެއް ދީފަ އެވެ.
ފިލްމުގެ ސްޓިލް ޝޮޓްތަކަކާއެކު އަނީތު ކުރި ޕޯސްޓުގައި ބުނެފައިވަނީ ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ދީލަތި ލޯތްބަށް ހިތުގެ އަޑިން ޝުކުރުވެރިވާ ކަމަށާއި ވަކިވަކިން ކޮންމެ މީހަކު ނޭނގުނަސް އެންމެން ދެކެ ވެސް ލޯބިވާ ކަމަށެވެ.
އެއާއެކު މުސްތަގްބަލާމެދު ކޮންމެވެސް ވަރަކަށް ބިރުގަންނަ ކަމަށާއި އެހެން ނަމަވެސް ދެންވެސް ބެލުންތެރިންނަށްޓަކައި އޭނާގެ 100 ޕަސެންޓް ދޭނެ ކަމަށް ވެސް އަނީތު ބުނެފައިވެ އެވެ.
"ސައްޔާރާ"ގައި އަނީތުއާއި އަހާންގެ ޖޯޑަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނައިރު އެ ދެތަރިން ވެގެން ގޮސްފައިވަނީ އަލަށް ތައާރަފްވި އެންމެ ކާމިޔާބު ތަރިންނަށެވެ.
"ސައްޔާރާ" ސިނަމާގައި ދައްކަމުން އަންނަތާ ތިން ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ ފިލްމަށް ވަނީ 500 ކްރޯޑް ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
މިއާއެކު އެ ފިލްމަކީ މި އަހަރު ނުކުތް ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުކަން ފާހަގަ ކޮށްލެވެ އެވެ.