ޕީއެންސީން ބޭނުން ވަނީ މާލެއަށް މަރުކަޒު ކޮށްގެން، ބާރުތަކުގައި ބަގުޑި ބައްދައިން ތިބެންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ގިނަ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް އިއްޔެ ކައުންސިލުންނާ ބެހޭ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު އިއްޔެ މަޖިލީހުން ފާސްކުރުމާ ގުޅިގެން ރޭގައި ޝާހިދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަކީ އެމްޑީޕީގެ "ބަނޑުން ވިހެއި" ދަރިއެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ޕީއެންސީން ބޭނުންވަނީ ބާރުތަކުގައި ބަގުޑި ބައްދައިގެން ތިބެ، ރައްޔިތުންނަށް އެއްވެސް ބާރެއް ނުދިނުމަށް ކަމަށެވެ.

"ޕީއެންސީން ބޭނުންފުޅު ވަނީ މާލެއަށް މަރުކަޒު ކޮށްގެން، ބާރުތަކުގައި ބަގުޑި ބައްދަވައިގެން ތިއްބަވައި، ރައްޔިތުންނަށް އެއްވެސް ވަރަކަށް ބާރެއް ލިބުނަ ނުދިނުމަށް. އެހެންވީމައި މި އުޅެނީ މަފުހޫމުގެ ތަފާތެއް،" ޝާހިދު ވިދާޅުވި އެވެ.

ޕީއެންސީއާ ހިލާފަށް އެމްޑީޕީއަކީ ބާރުތައް ލާމަރުކަޒު ކުރުމަށް ތާއިދުކޮށް، އެކަމަށް ހިތްވަރުދީ މަގުފަހުކޮށްދޭ ޕާޓީއެއްކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން، ލާމަރުކަޒީ ނިޒާމުގެ ދުވަސް ދުއްވާލުމަށް ހަޖޫ ޖައްސަވަން ފެއްޓެވި ކަމަށެވެ.

ކައުންސިލްތަކަކީ ބޭރު ދަތުރުކުރާ ބައެއް ކަމަށް ރައީސް ވިދާޅުވިކަމަށާއި، ސަރުކާރުން ބޭނުންވަނީ ކައުންސިލްތަކުގެ އިތުބާރު ނަގާލާ އަގުވައްޓާލުމަށްކަމަށް ޝާހިދު ވަނީ ތުހުމަތު ކުރައްވާފަ އެވެ.