އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް ކައުންސިލް އިންތިހާބަށް ފަހު އަންނަ އަހަރުގެ މެދުތެރޭގައި ބާއްވަން ފާސްކޮށްފި އެވެ.

އެ ނިންމުން ނިންމީ ބުދަ ދުވަހުގެ ރޭ އޮތް އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ. ރޭގައި އޮތީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 25 ވަނަ ޖަލްސާ އެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ، އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު، އެ އަހަރުގެ މެދުތެރޭގައި އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށެވެ.

އެމްޑީޕީން އެންމެ ފުރަތަމަ ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 15 ގެ ކުރިން ކޮންގްރެސް ބޭއްވުމަށެވެ. އެ ޕާޓީން އެގޮތަށް ނިންމާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 22 ވަނަ ބައްދަލުވުމުގައެވެ. އެހެން ނަމަވެސް މިހާރު ވަނީ އެ ތާރީޚު ބަދަލުކުރައްވައި އަންނަ އަހަރަށް ކޮންގްރެސް ބޭއްވުމަށް ފާސްކޮށްފަ އެވެ.

އެ ޕާޓީގެ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ހުށަހަޅުއްވައި، ތުޅާދޫ ދާއިރާގެ ރައީސް އަބުދުﷲ ސިރާޖު އާއި މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކު ތާޢީދުކުރެއްވި ގޮތަށް، މި ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން 45 މެމްބަރުންގެ ތާއީދާއި އެކުގަ އެެވެ.

އެމްޑީޕީގެ ކޮންގްރެސްއަކީ އަންނަ އަހަރުގެ އެންމެ ޝައުގުވެރި ސިޔާސީ ހަރަކާތަށް ވާނެ އެވެ. ކޮންގްރެސްގެ ތެރެއިން އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމާފަ އެވެ.

އެމްޑީޕީއަކީ އެންމެ މަގުބޫލު ޕާޓީއަށްވުމުން އެ ޕާޓީގެ ރިޔާސީ ޓިކެޓަށް އަބަދުވެސް ބޮޑު ވާދައެއް އޮވެ އެވެ. ކުރީ ފަހަރުތަކަށް ވުރެ މި ފަހަރު އެ ވާދަ އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކުރީގެ ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދުގެ އިތުރުން ޗެއާޕާސަން ފައްޔާޒާއި އެމްޑީޕީގެ ރައީސް ޝާހިދު އަދި މަޖިލީސް މެންބަރު ޑރ. ޝަމްހީދު ވަނީ ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ.