ހައި ކޯޓުގެ އިސްފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމާފައިވާ ފަނޑިޔާރު މުހައްމަދު ފައިސަލް އެ މަގާމަށް އައްޔަން ނުކޮށް, ތިން މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގައި ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމުން ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ފައިސަލް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ މިދިޔަ އޭޕްރީލް މަހު އެވެ. ނަމަވެސް މިހާތަނަށް ޖޭއެސްސީން އޭނާއަށް ރަސްމީކޮށް އެ މަގާމު ހަވާލެއް ނުކުރެއެވެ.

ހައިކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަގާމުގެ ތެރެއިން މަގާމަކަށް ކުރީގެ ގާޒީ އަބްދުالله ޖަމީލް މޫސާ އައްޔަންކުރަން ސުޕްރީމް ކޯޓުގައި މިދިޔަ އާދިއްތަ ދުވަހު ބޮޑު ރަސްމިއްޔާތެއް ބޭއްވި ނަމަވެސް ފައިސަލަށް އިސް ފަނޑިޔާރުކަމުގެ ފަތްކޮޅެއް އަރުވާފައެއް ނުވެއެވެ. އެ ރަސްމިއްޔާތުގައި ވެސް ފައިސަލް ބައިވެރިވެޑައިގަތެވެ.

ހައިކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވެ އެވެ. ނަމަވެސް އޭގެ ތެރޭގައި ފަނޑިޔާރު ފައިސަލް ހިމެނޭކަމެއް ސާފެއް ނުވެއެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް ޕީއެންސީގެ އެކްޓިވިސްޓެއްގެ އިތުރުން މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކަށް ފަހަކާޖެހެންދެން ހުންނެވި މުހައްމަދު ޝަހީދު އައްޔަންކުރަން ނިންމާފައި ވަނިކޮށް އަމާޒުވި ފާޑުކިޔުންތަކާހެދި އޭނާ ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އަދި އެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން އަލުން ވަނީ ހުޅުވާލައިފަ އެވެ.