ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ބޭނުމަކީ "ކައުންސިލުތައް ނެތިކޮށްލުން" ކަމަށް ބުނެ، އެ އިސްލާހުތަކާ ދެކޮޅަށް އިހުތިޖާޖު ކުރަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ހުށަހަޅުއްވާފައިވާ އެ އިސްލާހުގައި ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ކައުންސިލުތަކަށް ލިބޭ ބާރު ހަނި ކުރަން ހުށަހަޅާފައިވެ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ވަނީ އެއީ ލާމަރުކަޒީ ނިޒާމް ނެތިކޮށްލުމަށް ހުށަހެޅި އިސްލާހެއް ކަމަށާއި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރަންޖެހޭ ކަމަށެވެ.

"ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ތެދުވެ އަޑު އުފުލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކައުންސިލަރުންނާއި އެންމެހާ ރައްޔިތުން އިހުތިޖާޖު ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ގޮވާލަމެވެ،" އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ކައުންސިލްތަކުގެ ބާރު ހަނިކުރަން އުޅެނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ހުރަސްއެޅުމުގެ ގޮތުން ކަމަށެވެ.

"ކުރިއަށް އޮތް ކައުންސިލު އިންތިހާބުގެ ކުރިން ރާއްޖޭގެ ކައުންސިލުތައް ނެތިކޮށްލުމަށް ޕީއެންސީގެ ސަރުކާރުން ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ކުރަމުންދާ ކަންކަން މި ޕާޓީ އިން ކުށްވެރި ކުރަން. ރަށްރަށުގެ މައްޗަށް ބާރު ފޯރުވަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އެމްޑީޕީ އިން ގަބޫލު ކުރަމެވެ،" އެމްޑީޕީ އިން ބުނެފައިވެ އެވެ.

ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ތެރޭގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ކައުންސިލްތަކުގެ އަދަދަށް ބަދަލުގެންނަން ސަރުކާރުން ހުށަހަޅަން ނިންމާފައިވާ އިސްލާހު މަޖިލީހަށް ހުށަހަޅައި އަވަހަށް ގޮތެއް ނިންމަން އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އެދިފަ އެވެ. ނަމަވެސް ސަރުކާރުން އެކަމަށް އިޖާބަދީފައެއްނުވެ އެވެ.