2025 ވަނަ އަހަރު ދެބައިވީއިރު، ރެސްޓޯރަންޓުތަކުން ވިއްކާ ކާބޯތަކެއްޗާއި އެކޮމޮޑޭޝަން ޚިދުމަތްތައް ނުވަތަ ކުލީގެ އަގުތައް ހުރީ 29 އިންސައްތަ އުފުލިފައިކަން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން މަހު ކުލީގެ އަގުތަކާއި ރެސްޓޯރަންޓުތަކުން ވިއްކާ ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 29.6 އިންސައްތައިގައި ކަމަށެވެ.

އޭގެ ފަހުން، ނިމުނު ޖޫން މަހު އެ ދާއިރާތަކުގެ އިންފްލޭޝަން ހުރީ 29.4 އިންސައްތަ ކަމަށްވާއިރު، އެއީ މި އަހަރު އެންމެ ބޮޑަށް އިންފްލޭޝަން އުފުލުނު ދާއިރާތައް ކަމަށް ހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު އެ ދާއިރާތަކުގެ އިންފްލޭޝަން ހުރީ 0.4 އިންސައްތަ އާއި 2.3 އިންސައްތަ އާއި ދެމެދުގެ އަދަދުތަކެއްގައެވެ. އޭގެ ފަހުން، އެ ދާއިރާތަކުގެ އަގުތައް އުފުލެން ފެށީ މިދިޔަ ނޮވެންބަރު މަހުން ފެށިގެންނެވެ.

މިދިޔަ ޖޫން މަސް ނިމުނުއިރު، ކާބޯތަކެތީގެ އިންފްލޭޝަން ފަހެއް އިންސައްތަ އަށް ހުރިއިރު، ރާއްޖޭގެ އިންފްލޭޝަން ހުރީ 3.8 އިންސައްތައިގަ އެވެ.

ރެސްޓޯރަންޓުތަކުން ވިއްކާއި ކާބޯތަކެތީގެ އަގުތައް އުފުލިފައި ހުރިކަން ހާމަވިއިރު، ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވަނީ އުފުލިފައެވެ.

އެހެންވެ، އާންމުކޮށް ކާން ބޭނުންކުރާ ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ. އެގޮތުން، ވިޔަފާރިވެރިން ބުނި ގޮތުގައި އާންމުކޮށް ދިވެހީން ކޮންމެ ދުވަހަކު ވެސް ބޭނުންކުރާ މިރުސް ނުވަތަ ލުނބޮލުގެ އަގު މިވަނީ އުފުލިފައެވެ.