މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޮޅު ހިޔާގެ ކަރަންޓީނުގެ ޖާގަ 100 އަށް އިތުރުކޮށް އެތަނަށް އިތުރު ބުޅާތައް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނީ ބުޅާތައް ނެގުމުގައި ލަސްވުންތައް ކުރިމަތިވަނީ، ކަރަންޓީން އޭރިއާގައި ޖާގަ މަދުވުމުން ކަމަށާއި، މިދިޔަ މަހުގެ 24 ގައި އެ ވުޒާރާއިން ވަނީ ކަރަންޓީނު ޖާގަތައް ފުލްވެފައިވާ ކަމަށެވެ.

ބުޅާތައް ވަކި މުއްދަތެއް ވަންދެން ކަރަންޓީނުގައި ބައިތިއްބަން ޖެހޭއިރު، އެ މިނިސްޓްރީން ބުނީ ކަރަންޓީނު ޖާގަ މިހާރު 100 އަށް އިތުރުކޮށްފައިވާކަމަށެވެ. މި

އާއެކު އެ ހިޔާއަށް ބުޅާތައް ނެގުމުގެ މަސައްކަތް ފަށާ، އެ މަސައްކަތްތައް މެދުކަނޑާލީ ވިއްސާރަ ވުމާ ގުޅިގެން ކަމަށާއި، ކަރަންޓީންގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ ކޮށިތަކަށް ބަދަލުކޮށް ފެސިލިޓީއަށް ޖުމްލަ 75 ބުޅާ އަލަށް ނަގާފައިވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިހާރު ފެސިލިޓީގައި ތިބި ބުޅަލުގެ އަދަދަކީ ޖުމްލަ 112 ކަން އެ މިނިސްޓްރީން ހާމަކޮށްފައިވާއިރު، މީގެ ކުރިން މިއަހަރުގެ މޭ މަހުގެ 14 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވަނީ އޭރު އޮޅު ހިޔާގައި ގެންގުޅެނީ 30 ބުޅާކަމަށް ވިދާޅުވެފަ އެވެ.

މިއީ އެ މިނިސްޓްރީގެ ސިޔާސީ މުއައްޒަފުންނަށް ވުރެވެސް މަދު އަދަދަކަށް ވާއިރު، މިކަމާ ގުޅިގެން އާއްމުންގެ ފާޑު ކިޔުންވެސް ވަރަށް ބޮޑަށް އަމާޒުވި އެވެ.