ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އުރުދުންއާ ގުޅިގެން 4 ގައުމަކުން ޣައްޒާއަށް ވައިގެ މަގުން އެހީ ފޯރުކޮށްދީފި އެވެ.

ޣައްޒާއަށް އެއްގަމާއި ކަނޑު މަގުން އެހީ ފޯރުކޮށްދިނުމަށް ޔަހޫދީން ހުރަސް އަޅާ، ބަނޑުހައިހޫނުކަމުގެ ވޭން ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ މި ދަނޑިވަޅުގައި ޣައްޒާއަށް ވައިގެ މަގުން އެހީ ފޯރުކޮށްދީފައިވަނީ ފްރާންސާއި، ޖަރުމަނާއި، އިޓަލީ އާއި ސްޕެއިން ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން ވިދާޅުވީ އެގައުމުގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ގެ އިރުޝާދުގެ ދަށުން އެއްގަމާއި، ކަނޑާއި ވައިގެ މަގުން ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެގައުމުން ދުނިޔޭގެ ފެންވަރުގައި ކުރަމުން އަންނަ ކަމަށެވެ.

ޝެއިޚް އަބްދުﷲ ވިދާޅުވީ ޣައްޒާއަށް ވައިގެ މަގުން އިންސާނީ އެހީ ފޯރުކޮށްދިނުމުގެ 59 ވަނަ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޔޫއޭއީ އާއި އުރުދުންގެ ބެލުމުގެ ދަށުން ފްރާންސާއި، ޖަރުމަނާއި، އިޓަލީ އާއި ސްޕެއިންގެ 7 އެއާކްރާފްޓް ބޭނުންކޮށްގެން ކަމަށެވެ.

ޝެއިޚް އަބްދުﷲ ބުނީ މި އޮޕަރޭޝަން ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ފައުޖުން، ޣައްޒާއަށް އެހެން ގައުމުތަކުން ވައިގެ މަގުން އިންސާނީ އެހީ ފޯރުކޮށްދޭން ހުއްދަ ދޭނެ ކަމަށް ބުނެފައިވާއިރު، ވައިގެ މަގުން ކާބޯތަކެތި ފޯރުކޮށްދިނުން ރައްކާތެރި ނޫންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މީގެ ކުރިންވެސް އެކި ގައުމުތަކުން މިފަދައިން ފޯރުކޮށްދިން އިންސާނީ އެހީތައް ކަނޑަށް ވެއްޓި އެތަކެތި ނެގުމަށް ޣައްޒާގެ ރައްޔިތުން އުޅުނު އިރު، މިކަމާ ގުޅިގެން ވެސް އިޒްރޭލަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

މިދިޔަ ހަފްތާގައި އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނީ ޣައްޒާގެ ތިން ބައި ކުޅަ އެއްބައި މީހުން ކާބޯތަކެއްޗާއި ނުލާ އެތައް ދުވަސްތަކެއް ހޭދަކޮށްފައިވާކަމަށާއި، ޣައްޒާގެ 100،000 އަންހެނުންނާއި ކުޑަކުދިން ބަނޑުހައިހޫނުކަމުގެ ވޭން ތަހައްމަލު ކުރަމުން އަންނަ ކަމަށެވެ.

2.4 މިލިއަން މީހުން ދިރިއުޅޭ ޣައްޒާއަށް އެހޯ ފޯރުކޮށްދިނުމަށް އިޒްރޭލުން ދަތިތައް ކުރިމަތިކުރުވަމުން އަންނައިރު، ފަލަސްތީނުގެ އޮފިޝަލުން ބުނާ ގޮތުގައި އެ ސަރަހައްދުގެ އާއްމުންގެ ބޭނުން ފުއްދުމަށްޓަކައި ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 600 އެހީ ގެ ޓްރަކް ވައްދަން ޖެހެ އެވެ.