އިންގްލޭންޑާއި ވޭލްސްގައި އުފަންވާ ފިރިހެން ކުދިންނަށް އެންމެ ގިނައިން ކިޔާ ނަމަކަށް ޖެހިޖެހިގެން ދެވަނަ އަހަރު "މުހައްމަދު" ހޮވިއްޖެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އިންގްލެންޑާއި ވޭލްސްގައި އުފަންވި 5721 ކުއްޖަކަށް މުހައްމަދު ކިޔާފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 23 ޕަސެންޓްގެ އިތުރު ވުމެކެވެ.

އިނގިރޭސި ވިލާތުގައި "މުހައްމަދު"ގެ ނަމުން ނަން ދެވިފައިވަނީ ގިނައިން މުސްލިމް އާއިލާތަކަށް އުފަންވާ ކުދިންނަށް ކަމަށް ވިޔަސް މަދުން ނަމަވެސް އެހެން ދީންތަކުގެ އާއިލާތަކަށް އުފަންވާ ކުދިންނަށް ވެސް އެ ނަން ދީފައިވެ އެވެ.

އަަރަބި އަސްލުގެ ނަމެއް ކަމަށްވާ "މުހައްމަދު"ގެ މާނައަކީ "ތައުރީފު ހައްގު މީހާ" ކަމަށްވާއިރު އެ ނަމަށް އިސްލާމް ދީނުގައި ހާއްސަ ގަދަރެއް ދެވިފައިވަނީ އެއީ އެންމެ ފަހުގެ ނަބިއްޔާގެ ނަންފުޅަށް ވާތީ އެވެ.

މުހައްމަދުގެ އިތުރުން ވެސް އެންމެ މަގުބޫލު ނަންތަކުގެ ލިސްޓުގައި މުސްލިމް ނަންތަކެއް ހިމެނިފައިވެ އެވެ. އޭގެ ތެރޭގައި ޔޫސުފް (67 ވަނަ)، އިބްރާހިމް (76 ވަނަ) އަދި ޔަހްޔާ (93 ވަނަ) ހިމެނެ އެވެ.

އެ ގައުމުގައި އަލަށް އުފަންވާ އަންހެން ކުދިންނަށް އެންމެ ގިނައިން ކިޔާ ނަންތަކުގެ ތެރޭގައި ވެސް މުސްލިމް ނަންތަކެއް ހިމެނެ އެވެ. އެގޮތުން ލައިލާ، މަރްޔަމް އަދި ފާތިމާއަކީ އެ ލިސްޓުގައި ހިމެނޭ ނަންތަކެވެ.