ޑޮލަރުގެ މައްސަލާގައި މޯލްޑިވްސް މަނީޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) އިން އެދިއްޖެ އެވެ.

އެމްޑީޕީ ޕީޖީގެ ފަރާތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިބްރާހިމް، މުނައްވަރަށް ފޮނުވި ސިޓީގައި ބުނީ ބޭރު ފައިސާއާބެހޭ ގާނޫނަށް މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އަމަލުކުރަން ފެށިއިރު، އިންސާފުވެރިކަމާއި އިހުލާސްތެރިކަމާއެކު ތަންފީޒު ނުކުރެވުމުގެ ސަބަބުން ގޮތުން ޑޮލަރުގެ ކަޅު ބާޒާރެއް ރަސްމީކޮށް އުފެދިފައިވާ ކަމަށެވެ.

މިއާއެކު ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 60 ޕަސެންޓް އެމްއެމްއޭއަށް ނަގާ ގޮތަށް އޮތް އޮތުން މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ބަދަލުކޮށް އެ ޑޮލަރުގެ 90 ޕަސެންޓް ނަގަން ފެށިކަންފާހަގަކޮށް މިސިޓީގައި ބުނީ، މިކަމަުގެ ސަބަބުން މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ޑޮލަރު ލިބުން އިތުރަށް ދަތިވެ ބޭންކުތަކުން އެ ފަރާތްތަކަށް ފޯރުކޮށްދެމުން އައި ޑޮލަރު ލިބުން ހުއްޓުމަކަށް އަންނަ ކަމަށެވެ.

އެހެންކަމުން ގިނަ ވިޔަފާރިތަކެއް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށާއި މި ދަނޑިވަޅުގައި ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމަށް ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތް ކުރުމުގެ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަ ކުއްލި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުން އިތުރަށް ދަތިވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

މިއީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ އިތުރުން އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޮޑު ތަކުލީފެއް ކުރިމަތިވެދާނެ ކަމެއް ކަމަށާއި، ދަލާއި ހިދުމަތުގެ އަގުތައް އުފުލި، ޑޮލަރު ނުލިބުމުގެ ސަބަބުން ބައެއް މުދާ އިމްޕޯޓްކުރުން ވިޔަފާރިވެރިން ހުއްޓާލަންޖެހި، ރާއްޖޭގައި ގިނަ ބާވަތްތަކުގެ އަސާސީ ތަކެއްޗާއި ކާބޯތަކެތި އިތުރަށް އަގުބޮޑުވުން ނުވަތަ ލިބުން ދަތިވުން ނުވަތަ ތަކެތި ހުސްވުމުގެ ބިރު އޮތް ކަމަށް ވެސް ސިޓީގައިވެ އެވެ.

އެމްޑީޕީގެ ޕީޖީން މިފަދައިން އެދިފައިމިވަނީ ޑޮލަރުގެ އަގު އުފުލޭތީ އެކަމާ ގުޅިގެން މުނައްވަރު މަގާމުން ވަކިކުރަން ޖެހޭކަމަށް އެޕާޓީގެ ބައެއް މެންބަރުން ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.